ދުނިޔެ
އިސްރާއިލުން ރަފާ ބޯޑަރު ހުޅުވުން ލަސްކުރަނީ، އެހީގެ ތަކެތި ވަނުން ދަނީ ލަސްވަމުން
ރަފާ ބޯޑަރު
· އިސްރާއިލުން ޣައްޒާގެ ރަފާ ބޯޑަރު ހުޅުވުން އަނެއްކާވެސް ލަސްކޮށްފިއެވެ.
· އިސްރާއިލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު ބުނި ގޮތުގައި މި ބޯޑަރު ހުޅުވޭނީ އާދީއްތަ ދުވަހުއެވެ. އިއްޔެ ދެކުނު ޣައްޒާގައި އިސްރާއިލުގެ ހަމަލާތަކުގައި މަދުވެގެން 3 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
އިސްރާއިލުގެ ސިފައިންގެ ސިވިލް މައްސަލަތަކާ ހަވާލުވެފައިވާ ޔުނިޓް ކޮގަޓްއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޭނުންވާ ތައްޔާރީތައް ފުރިހަމަ ކުރުމަށްފަހު ރަފާ ބޯޑަރު ހުޅުވުމަށް މިޞްރާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، ކުރިން ވި އެއްބަސްވުމުގައި ރަފާ ބޯޑަރުން އެހީ ވެއްދުމުގެ ވާހަކަ ނުހިމެނޭ ކަމަށް ބުނެ، އެހީގެ ތަކެތި ވައްދާނީ ކަރަމް އަބޫ ސާލިމް ކްރޮސިންގއިން ކަމަށް ކޮގަޓްއިން ބުނެފައިވެއެވެ.
ޔޫއެންގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޮރ ހިއުމެނިޓޭރިއަން އެފެއާޒް ޓޮމް ފްލެޗަރ ވިދާޅުވި ގޮތުގައި، ޣައްޒާގެ ހާލަތު ރަނގަޅު ކުރުމަށް ހަފްތާއަކު ހާސްތަކެއް އެހީގެ ވެހިކަލްތައް ވެއްދުން މުހިންމެވެ. އަދި މެޑިކަލް ފަރުވާގެ ދަތިކަން ވެސް ވަރަށް ބޮޑުވެފައިވާއިރު، 2.2 މިލިއަން މީހުންގެ އާބާދީގެ ގިނަ ބަޔަކު ވަނީ ނިކަމެތި ހާލުގައި ޖެހިފައެވެ.
ޔުނިސެފްގެ ތެސް އިންގްރަމް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، އުތުރު ޣައްޒާގެ ރައްޔިތުން ވަނީ ކާބޯތަކެއްޗާއި ފެނުގެ ބޮޑު ދަތިކަމެއްގައެވެ. އަދި ހާސްތަކެއް މީހުން އެނބުރި ގޮސްފައިވަނީ މުޅިން ހަލާކުވެފައިވާ ސަރަހައްދުތަކަށެވެ. އިންގްރަމް ވިދާޅުވި ގޮތުގައި، ޖުލައި އަދި އޯގަސްޓް މަހު އެކަނި 28،000 ކުޑަކުދިން ވަނީ ނުރަނގަޅު ކާނާގެ ސަބަބުން ބަލިޖެހިފައެވެ.
ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން ބުނެފައިވަނީ، އިސްރާއިލުގެ ހަމަލާތައް މަޑުޖެހުނު ފަހުން ވެއްދިފައިވާ އެހީގެ މިންވަރު އެއްގޮތަކަށްވެސް ނުފުދޭ ކަމަށެވެ. އަދި އިތުރު އެހީ ވެއްދުމަށް ގިނަ ކްރޮސިންގތަކެއް ހުޅުވުމަކީ މުހިންމު ކަމެއް ކަމުގައި ބުނެފައިވެއެވެ.