ދުނިޔެ
ދޫކޮށްލި އަސީރުންގެ ބަދަލުގައި 600 އެހީގެ ޓްރަކް ވެއްދުމަށް ރަފާ ބޯޑަރު ހުޅުވަނީ
ޣައްޒާއަށް ވެއްދުމަށް ތައްޔާރުކޮށްފައި ހުރި އެހީގެ ޓްރަކްތަކެއް
ޙަމާސްއިން ދޫކޮށްލި 4 އަސީރުންގެ ހަށިގަނޑުގެ ބަދަލުގައި 600 އެހީގެ ޓްރަކް ވެއްދުމަށް ރަފާ ބޯޑަރު ހުޅުވުމަށް އިސްރާއިލުން ނިންމައިފިއެވެ.
މިނިންމުމުގެ ދަށުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މިޞްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފާބޯޑަރު މެދުވެރިކޮށް މިއަދު 600 ޓްރަކުގެ އެހީ ވައްދާނެއެވެ.
އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ކުރިން ޙަމާސްއާ ދެކޮޅަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް އުވާލައި، ޣައްޒާއަށް ވައްދާ އެހީގެ ޓްރަކުތަކުގެ އަދަދު ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމުގެ ނިންމުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އިއްޔެ އިސްރާއީލުން ވަނީ ޙަމާސްއިން އިތުރު ހަށިގަނޑުތައް ރައްދު ނުކުރާތީ މިއަދު ރަފާ ބޯޑަރު ނުހުޅުވުމަށް ނިންމާފައެވެ. ނަމަވެސް މިހާރު އެ ނިންމުން ބަދަލުކޮށް، އެހީގެ ދަތުރުތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ.
އިސްރާއީލްގެ މީޑިއާގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ޙަމާސްއިން އިތުރު ހަށިގަނޑުތައް ހޯދުމަށް ވަގުތު ބޭނުންވާކަމަށް ބުނެފައިވެއެވެ. މިހާތަނަށް ޙަމާސްއިން ވަނީ 20 ދިރިހުރި އިސްރާއީލްގެ އަސީރުން ދޫކޮށް، 8 ބަންދީންގެ ހަށިގަނޑު ރައްދުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ހަމަލާތައް ހުއްޓުމުގެ ޕްލޭންގެ ދަށުން، ހަށިގަނޑުތައް ރައްދުކުރުމުގެ މަސައްކަތް ނިމުމުން އިއްޔެ ރަފަހު ބޯޑަރު އަލުން ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. އެއްބަސްވުމުގައި ވާގޮތުން، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތަކުގެ ދަތިކަން ހުރިކަން ފާހަގަކޮށްފައިވެއެވެ.