ދުނިޔެ
2021ގެ ފަހުން އިންޑިއާއަށް ޒިޔާރަތްކުރާ އަފްޣާނިސްތާނުގެ އިސްފަރާތަކަށް ޠާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު

އަމީރު ޚާން މުއްތަގީ---
އެމެރިކާގެ ބާރުގެ ދަށުން މިނިވަންވެ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައި، 2021 ގައި ޠާލިބާނުން ވެރިކަމަށް އައުމަށްފަހު، އެންމެ ފުރަތަމަ ފަހަރަށް އަފްޣާނިސްތާނުގެ އިސްވެރިއެއްގެ ގޮތުގައި، އެ ޤައުމުގެ ޚާރިޖި ވަޒީރު އަމީރު ޚާން މުއްތަގީ ބުރާސްފަތި ދުވަހު އިންޑިއާއަށް ޒިޔާރަތްކުރައްވައިފިއެވެ.
އދ. ގެ ސެކިއުރިޓީ ކައުންސިލުން ދަތުރުފަތުރުގެ ހުއްދަ ދިނުމާ ގުޅިގެން މި ދަތުރު ކުރެވޭއިރު، މި ކަމަކީ އިންޑިއާގެ ސަރަޙައްދީ ވާދަވެރިޔާ ޕާކިސްތާނުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ. ޕާކިސްޠާނާއި އަފްޣާނިސްތާނުގެ ގުޅުން ހީނަރުވެފައިވާއިރު، އިންޑިއާއިން ޠާލިބާން ސަރުކާރާއެކު ގުޅުން ބަދަހިކުރަމުންދާކަން ފާހަގަކުރެވެއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، ރަންދީރު ޖައިސްވާލް ވިދާޅުވެފައިވަނީ އަމީރް ޚާން އާއި އެކު ދެ ޤައުމުގެ ގުޅުމާއި ސަރަޙައްދީ މައްސަލަތަކާއިއެދު މަޝްވަރާ ކުރަން އުންމީދުކުރައްވާ ކަމަށެވެ. އަދި އިންޑިއާއިން ވަނީ އަމިރް ޚާންއަށް "ހޫނު މަރުހަބާއެއް" ކިޔައިފައިވެއެވެ.
ޖެނުއަރީ މަހު ދުބާއީގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީއާ ބައްދަލުކުރެއްވި އަމީރް ޚާން މި ފަހަރު އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރު، ސުބްރަމަނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން މަޝްވަރާކުރާނެ ކަންކަން ހާމަކޮށްފައި ނުވިނަމަވެސް، ވިޔަފާރި އާއި ސަލާމަތީ ކަންކަމަށް އިސްކަން ދިނުމާގުޅޭ ކަންކަމުގައި މަޝްވަރާކުރާނެކަމަށް ލަފާކުރެވެއެވެ.
ނަމަވެސް އިންޑިއާއިން އަދި ޠާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.
މި ދަތުރަކީ ސަރަޙައްދީ ބާރުތަކާއެކު ގުޅުން ބަދަހިކޮށް، އިޤްތިސާދީ ގުޅުންތައް ޤާއިމުކޮށް، ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށް ޠާލިބާނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ ދަތުރެކެވެ. އަމީރް ޚާންގެ މި ދަތުރުގެ ކުރިން، މިހާތަނަށް ހަމައެކަނި ޠާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފައިވާ ޤައުމު ކަމުގައިވާ ރަޝިއާއަށް ޒިޔާރަތްކުރެއްވިއެވެ.
އަންގާރަ ދުވަހު އަމީރް ޚާން ބައިވެރިވެވަޑައިގެންނެވި މޮސްކޯގައި ބޭއްވުނު ސަރަޙައްދީ ބައްދަލުވުމުގައި، އިންޑިއާ، ޕާކިސްތާން، އީރާން، ޗައިނާ އަދި މެދު އޭޝިއާގެ އެކި ޤައުމުތަކުން ސަރަޙައްދުގައި ބޭރު ޤައުމުތަކުގެ ޢަސްކަރީ ވަސީލަތްތައް ޤާއިމުކުރުމާ ދެކޮޅަށް އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމަކީ، ކާބޫލް ކައިރީގައި ހުރި ބަގްރާމް އަސްކަރީ މަރުކަޒު އަލުން ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކާ ދެކޮޅަށް ނެރުނު އެއްބަސްވުމެކެވެ.