ދުނިޔެ
ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ޙަވާލުވީއްސުރެ ފުރަތަމަ ފަހަރަށް ރަސްމީ ދަތުރެއްގައި އިންޑިޔާއަށް

ޠާލިބާނުގެ ޚާރިޖީ ވަޒީރު މުއްތަޤީ.

ފަރުދުން
09 އޮކްޓޯބަރު 2025، 03:47
09 އޮކްޓޯބަރު 2025، 03:47
ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ޙަވާލުވީއްސުރެ، އެ ޖަމާޢަތުގެ ލީޑަރަކު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ޠާލިބާނުގެ ޚާރިޖީ ވަޒީރު އަދު އިންޑިޔާއަށް ވަޑައިގެންފިއެވެ. ޚާރިޖީ ވަޒީރު ޢާމިރް ޚާން މުއްތަޤީ މި ދަތުރުފުޅަށް ފެއްޓެވީ، އެކުވެރި ދައުލަތްތަކުގެ ސަލާމަތްތެރިކަމާ ބެހޭ ކައުންސިލުން ވަޒީރަށް ދަތުރުގެ ހުއްދަ ދިނުމުންނެވެ. މި ދަތުރުގެ ކަންކަން އެންމެ ގާތުން ބަލާ އެއް ޤައުމަށް، އިންޑިޔާއާ ޢަދާވާތްތެރިކަމެއް އޮންނަ އަވައްޓެރި ޕާކިސްތާނު ވެގެން ދާނެ ކަމަށް މާހިރުން ހާމަކުރައްވައެވެ.
"އަޅުގަނޑުމެން އުންމީދުކުރަން އެ މަނިކުފާނާ އެކު ދޭދޭ ގުޅުންތަކާއި، ސަރަޙައްދީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް." އަފްޣާނިސްތާނުގެ ވަޒީރަށް މަރުޙަބާ ދެންނެވުމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު، ރަންދީރް ޖައިސްވާލް ނެރުއްވި ބަޔާނެއްގައި ވެއެވެ.
ވަޒީރު މުއްތަޤީ އިންޑިޔާގެ ޚާރިޖީ ވުޒާރާގެ އަމީންޢާންމު ވިކްރާމް މިސްރީއާ ޖަނަވަރީ މަހު ދުބައިގައި ބައްދަލުކުރައްވާފައިވާ އިރު، އަދުގެ ދަތުރުގައި އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަހްމަންޔަމް ޖައެޝަންކަރްއާ އެކު ވަޒީރު މުއްތަޤީ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ ސީދާ އެޖެންޑާ ދެ ޤައުމުން ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ވިޔަފާރީގެ ގުޅުމާއި ސަލާމަތްތެރިކަމުގެ މައުޟޫޢުތަކަށް މި ދަތުރުފުޅުގައި އަލިއަޅުވައިލެވިގެން ދާނޭ ކަމަށް ލަފާކުރެވެއެވެ. ފާހަގަކޮށްލާން ޖެހޭ ގޮތުގައި، އިންޑިޔާ ސަރުކާރުން އަދި ރަސްމީކޮށް ޠާލިބާން ސަރުކާރު ބަލައިގެންފައެއް ނުވެއެވެ.
ޠާލިބާނުގެ ޚާރިޖީ ވަޒީރު އިންޑިޔާއަށް އަދު ކުރެއްވި ދަތުރުފުޅުން ހާމަވަނީ، ޚާރިޖީ އިޤުތިޞާދީ ގުޅުންތައް ޤާއިމުކުރުމަށް ޠާލިބާނުން އެދޭ ކަމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ޠާލިބާން ސަރުކާރު ބަލައިގަނެވުމަށް އެ ޖަމާޢަތުން އެދޭ ކަމެވެ.
ވަޒީރު މުއްތަޤީގެ އިންޑިޔާ ދަތުރުފުޅުގެ ކުރީން، ވަޒީރު ވަނީ ރަޝިޔާއަށް ވެސް ވަޑައިގެންފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރަޝިޔާއަކީ އަދާ ހަމައަށް ޠާލިބާނުގެ ވެރިކަން ބަލައިގަތް ފުރަތަމަ ޤައުމެވެ.
އިންޑީޔާގައި އެތައް ހާސް އަފްޣާނުން ދިރި އުޅެމުން ދާ އިރު، އޭގެ ތެރެއިން ގިނައީ، ޠާލިބާނުން ވެރިކަމާ ޙަވާލުވުމުން އިންޑިޔާއަށް ހިޖުރަކުރި މީހުންނެވެ. އިންޑިޔާގެ ދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ ސަފާރާ ވަނީ 2023 ވަނަ އަހަރު ބަންދުކޮށްފައެވެ.