Ads by Stelco

ޚަބަރު

ވެންޓިލޭޓަރު މައްސަލައަކީ ސަރުކާރަކުން ހިންގި އެންމެ ބޮޑު ޚިޔާނާތް: އިންތި

ވެންޓިލޭޓަރު މައްސަލައަކީ ސަރުކާރަކުން ހިންގި އެންމެ ބޮޑު ޚިޔާނާތް: އިންތި

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒު ފަޙުމީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2025، 07:31

09 އޮކްޓޯބަރު 2025، 07:31

ވެންޓިލޭޓަރު މައްސަލައަކީ ސަރުކާރަކުން ހިންގި އެންމެ ބޮޑު ޚިޔާނާތްކަން ހާމަވެގެން ހިނގައްޖެކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު، އަދި 2023 ވަނަ އަހަރު ޕާޓީން ވަކިވުމާ ހަމައަށް އެމްޑީޕީގެ ލީޑަރޝިޕްގައި މަސައްކަތްކުރެއްވި އިމްތިޔާޒް ފަޙުމީ (އިންތި) ވިދާޅުވެއްޖެއެވެ. 

"އެކްސް"ގައި ރޭ ކުރި ޕޯސްޓެއްގައި އިންތި ވިދާޅުވީ، އެ ޚިޔާނާތަކީ ބޮޑު ވައްކަމެއްކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންނާއި ޖިނާއީ ތަޙުޤީޤުތަކުން ހާމަވެގެން ހިނގައްޖެކަމަށެވެ.

އަދި މީގެ އިތުރުން، ދުބާއީ ކޯޓުން މި މައްސަލައިގައި ދިވެހި ދައުލަތަށް ބަދަލު ދޭންޖެހޭނެކަމަށް ޙުކުމްކުރުމަކީ، އެ ޚިޔާނާތުގެ ބޮޑުކަން ޔަޤީންކުރުމަށް ލިބުނު އިތުރު ބާރެއްކަމަށް އިންތި ފާހަގަކުރެއްވިއެވެ.  



އިންތި އެމްޑީޕީއިން ވަކިވީ 2023ވަނަ އަހަރު އެ ޕާޓީއިން ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބަށްފަހު ޕާޓީ ބައިބައިވުމުންނެވެ. އިންތި ހިމެނޭހެން އޭރު އެމްޑީޕީއިން ވަކިވި ގިނަ މެމްބަރުން ބުނަމުން ދިޔައީ، ޕާޓީން ވަކިވާން ޖެހުނީ ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުން ބައިވެރިވެގެން ހިންގަމުންދާ ޚިޔާނާތުގެ ނެޓްވޯކުގެ ސަބަބުންކަމުންނާއި، އެ މައްސަލަތައް ބަލަމުން ނުދިއުމުންކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލާގައި، ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދެއްކުމަށް ދުބާއީގެ ކޯޓުން އަމުރުކުރީ އަންގާރަ ދުވަހުއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވީ، ކޯޓު އަމުރުގައި ބުނާގޮތުން، އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއިން ދިވެހި ލައުލަތަށް ދައްކަންޖެހޭ 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ)، އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

މި މައްސަލަ ދުބާއީގައި ކުރިޔަސް ގެންގޮސްފައި ވަނީ، އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވުމުންނެވެ.

އެ ކޯޓަށް މި މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މިއީ 2020ގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާރސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވުމުން ކުރި ދަޢުވާއެކެވެ. މި މައްސަލައިގައި ދިވެހި ސަރުކާރުން އެދުނީ ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ކުރިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުނު އިރު، އެ ތަނުން ވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭންޖެހޭނެ ކަމަށް އަންގާފަ އެވެ. އެ އެންގުމާ އެއްގޮތަށް އަދިވެސް ފައިސާ ނުދައްކާތީ ދެވަނަ ފަހަރަށް އަމުރު ނެރުނީ ޖޫރިމަނާ ހިމަނައިގެންނެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު، 75 ވެންޓިލޭޓަރު ހޯދުމަށް ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ދިނެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރި އިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯއެއް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ނުފޮނުވައެވެ.

ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސްއިން ރާއްޖެއަށް ފޮނުވި ނަމަވެސް، އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް އެ ކުންފުނިން އަދިވެސް ދައްކާފައިނުވާތީ، މި މައްސަލަ ސަރުކާރުން ގެންދަނީ ބަލަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން