ދުނިޔެ

ދެވަނަ ފްލޮޓީލާ ވެސް ހިފަހައްޓައިފި، އިސްރާއީލުން ބުނީ ޙިޞާރު ހުއްޓުވަން އުޅުމަކީ ބޭކާރު ކަމެއް ކަމަށް

ދެވަނަ ފްލޮޓީލާ ވެސް ހިފަހައްޓައިފި، އިސްރާއީލުން ބުނީ ޙިޞާރު ހުއްޓުވަން އުޅުމަކީ ބޭކާރު ކަމެއް ކަމަށް

ފްރީޑަމް ފްލޮޓީލާގެ "ކޮންޝިޔެންސް" ނަމަކަށް ކިޔާ އުޅަނދު.

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 03:07

08 އޮކްޓޯބަރު 2025، 03:07

މީގެ ހަތަރު ދުވަސް ކުރީން ފަލަސްޠީނުގެ ޣައްޒާއާ ދިމާއަށް ދަތުރަށް ފެށި އައު ފްލޮޓީލާ ވެސް އިސްރާއީލުން ހިފަހައްޓައިފިއެވެ. ފްރީޑަމް ފްލޮޓީލާ ކޯލިޝަންއާއި އައި.ސީ.ބީ.އެސް.ޖީ ގުޅިގެން ތަޢާރަފުކޮށްފައިވާ މި ފްލޮޓީލާ މިއަދު އިންޓަރސެޕްޓްކޮށްފައިވަނީ، ބައިނަލްއަޤްވާމީ ޞުމޫދް ފްލޮޓީލާގައި ތިބި އެކްޓިވިސްޓުން އިސްރާއީލުން ހައްޔަރުކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ މީހުން އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފްރީޑަމް ފްލޮޓީލާ ކޯލިޝަން (އެފް.އެފް.ސީ.)އިން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ފްލޮޓީލާގެ ޖުމުލަ 11 އުޅަނދުގެ ތެރެއިން 2 އުޅަނދެއްގެ މުވާޞަލާތީ ސިގުނަލް ކަނޑާލުމަށް އިސްރާއީލީ ފައުޖުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލަށް ބާރުފޯރުވުމުގެ ޙައްޤެއް ނޯންނާނެ. އަހަރެމެންގެ ފްލޮޓީލާއިން އެއްވެސް ގެއްލުމެއް އެ މީހުންނަށް ކުރިމަތިކުރުވާފައި ނުވާނެ.

އެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައި ވެއެވެ.

ބައިނަލްއަޤްވާމީ ޤަވާޢިދާ ޚިލާފަށް މި ފްލޮޓީލާގެ 3 އުޅަނދަކަށް ޙަމަލަދީ، އިސްރާއީލުން ވަނީ އެ އުޅަނދުތައް ހުއްޓުވާފައެވެ. ޣައްޒާގެ އައްސޭރިފަށުން 220 ކިލޯމީޓަރެއްހައި ދުރުން އިސްރާއީލުން އަދު ހެނދުނު ހުއްޓުވާފައިވާ އުޅަނދުތަކަކީ: "ގާޒާ ސަންބަރޑްސް"، "ޢަލާ އައްނައްޖާރް"، އަދި "އަނަސް އައްޝަރީފް" ނަމަކަށް ކިޔާ ތިން އުޅަނދު ކަމަށް، ފްލޮޓީލާގެ ހިންގުންތެރީން އެކްސްގައި ވަނީ ބުނެފައެވެ. މި ތިން އުޅަނދުގެ އިތުރުން، "ކޮންޝިޔެންސް" ނަމަކަށް ކިޔާ އުޅަނދަށް އިސްރާއީލުގެ ފަރާތުން ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

ޣައްޒާއާ ދިމާއަށް މިސްރާބު ޖަހާފައިވީ އުޅަނދުތަކެއް ހުއްޓުވި ކަމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފައެވެ. އެ ވުޒާރާއިން ބުނީ، އެ އުޅަނދުތަކުގައި ތިބި މީހުން އިސްރާއީލުގެ ބަނދަރަކަށް ގެންދިޔުމަށް ފަހު، އިސްރާއީލުގެ ބާރުގެ ދަށުގައިވާ ބިމުގެ ސަރަޙައްދުން އެ މީހުން ނެރެލާނޭ ކަމަށެވެ. އިސްރާއީލުން ޣައްޒާ ކަނޑުގެ މަގުން ޙިޞާރުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއް ނޫން ކަމަށް ވެސް އިސްރާއީލުން ދަޢުވާކޮށްފައިވެއެވެ.

ޤާނޫނާ އެއް ގޮތަށް ކަނޑުގެ މަގުން އަހަރެމެން ކޮށްފައިވާ ޙިޞާރު ފޫއަޅުވާލަން އުޅުމުގެ ބަލިކަށި މިޘާލެއް އަނެއްކާ ވެސް މި ވަނީ ބޭކާރު ވެފައި.

އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވެއެވެ. މި ޕޯސްޓާ މެދު އިޖުތިމާޢީ ވިޔުގަތަކުގައި ގިނަ ޢަދަދެއްގެ މީހުން ނުރުހުން ފައުޅުކުރަމުން ދެއެވެ.

މިއަދު އިސްރާއީލުން ހިފަހައްޓާފައިވާ ފްލޮޓީލާ އިންތިޡާމުކުރި ޖަމާޢަތް ކަމުގައިވާ ފްރީޑަމް ފްލޮޓީލާ ކޯލިޝަންއަކީ ފަލަސްޠީނަށް ތާޔީދުކުރާ އެކިއެކި ފަރުދުންނާއި ބައިލަންއަޤްވާމީ މުއައްސަސާތައް ހިމެނޭ ވިޔުގައެކެވެ. އެ ޖަމާޢަތުން ހާމަކުރި ގޮތުގައި، އެ ޖަމާޢަތުގެ ފްލޮޓީލާގައި އެއް ލައްކަ ދިހަ ހާސް ޔޫ.އެސް ޑޮލަރުގެ އަގު ހުރި ބޭސް ފަރުވާއާއި، ޞިއްޙީ ވަސީލަތްތަކާއި، ކާބޯތަކެތީގެ ބާވަތްތައް ހިމެނިގެން ވިއެވެ.

އިސްރާއީލުން މިއަދު މި ފްލޮޓީލާ ހުއްޓުވާފައިވާ އިރު، މީގެ ދެ ތިން ދުވަހެއް ކުރީން އިސްރާއީލުން ވަނީ ގްލޯބަލް ޞުމޫދް ފްލޮޓީލާގެ 40 އުޅަނދު ހިފަހައްޓައި، އެ ފްލޮޓީލާގައި ތިބި 450އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އެ ފްލޮޓީލާގައި ތިބި ގްރެޓާ ތުންބަރގް ފަދަ އެކްޓިވިސްޓުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން