ޚަބަރު
ފެންފުށީ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އަންނަ ދިރާސީ އަހަރަށް ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ފެންފުށީ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން---

ފަރުދުން
06 އޮކްޓޯބަރު 2025، 09:01
06 އޮކްޓޯބަރު 2025، 09:01
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ނިންމަވާދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ އެ އަތޮޅު ފެންފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މި މަޢުޟޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެންފުށީ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށް ހިންގާ މަޝްރޫޢަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައި، އެ މަސައްކަތުގެ ސްޕީޑް އަވަސްކުރައްވާނެ ކަމަށެވެ. އަދި އައު މަޝްރޫޢެއްގެ ގޮތުގައި މަލްޓިޕަރޕަސް ހޯލް ތަރައްޤީކުރުމާއި، ކްލާސްރޫމްތައް އޭސީކުރުމުގެ މަސައްކަތް ފެންފުށީގައިވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ފެންފުށީގައި ފެށި މަޝްރޫޢުތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާނެ މަޝްރޫޢުތަކެއްކަމަށް ވިދާޅުވިއެވެ. އެގޮތުން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް ރައްޔިތުން ބޭނުންވާގޮތަށް ކުރިޔަށް ގެންދިއުމާއި، ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކޮށް އައު ޚިދުމަތްތައް ޤާއިމްކުރެއްވުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެ ރަށުގައި ދުވާޓްރެކެއް ޤާއިމްކުރުމާއި، ފުޓުބޯޅަ ދަނޑުގައި ރޭގަނޑު ކުޅެވޭނެހެން ލައިޓްތައްވެސް ޤާއިމްކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ރަށުގެ ނަރުދަމާ މަޝްރޫޢު ހުއްޓިފައި އޮތްއޮތުމަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދައްކަންޖެހޭ ފައިސާގެ އެއްވެސް މައްސަލައެއް ކުރިމަތިނުވި ނަމަވެސް މަޝްރޫޢުތައް ހުއްޓިފައި އޮތުން އެއީ ކަންބޮޑުވާކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ހުރި މަޝްރޫޢުތައް ފާހަގަކޮށް ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތައް ބާޠިލުކޮށް، އަލުން އެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.