ޚަބަރު
ފެންފުށީގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްފި

އދ. ފެންފުށީގައި ބީއެމްއެލްގެ ޚިދުމަތް އިފްތިތާޙުކުރުން---

ފަރުދުން
06 އޮކްޓޯބަރު 2025، 08:14
06 އޮކްޓޯބަރު 2025، 08:14
އދ. ފެންފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު އިފްތިތާޙުކޮށްފިއެވެ.
އެ ރަށުގައި މި ޚިދުމަތް އިފްތިތާޙުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފެންފުށީގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށްފަހު އެ މަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެ ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
ފެންފުށީގައި ބީއެމްއެލްއިން މި ޤާއިމުކުރި ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތާއެކު 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ހާމަކުރެއެވެ.
އިޤުތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 15 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައެވެ.
ބީއެމްއެލްގެ އަމާޒަކީ މިމަޝްރޫޢު މިމަހުގެ ނިޔަލަށް ނިންމުންކަމަށް އެ ބޭންކުން ވިދާޅުވެއެވެ.