ޚަބަރު
ފެންފުށީގެ ފުލުހުންގެ މަރުކަޒާއި ވޮލީ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ފެންފުށީ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން---
އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ފެންފުށީގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ވޮލީ ކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ފެންފުށީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވާދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒަށް ވާސިލްވުމަށް، މިހާތަނަށް ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިދިޔަ ސެޕްޓެމްބަރުގެ ނިއަލަށްވަނީ ފުލުހުންގެ ޚިދުމަތް ފަށާފައެވެ.
ފެންފުށީ ވޮލީ ކޯޓުގެ މަސައްކަތް ޢަމަލީ ގޮތުން ފައްޓަވާދެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި އދ. މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ފެންފުށި ވޮލީ ކޯޓު މަޝްރޫޢުގެ ތެރޭގައި ޓާފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުން ވެސް ހިމެނެއެވެ. މިއީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.