ދުނިޔެ

އިސްރާއީލުގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި މައްސަލަ އުފުލަން ސްޕެއިން ނިންމައިފި

އިސްރާއީލުގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި މައްސަލަ އުފުލަން ސްޕެއިން ނިންމައިފި

ފްރީޑޮމް ފްލޮޓިއްލާގެ ބައެއް މެމްބަރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 އޮކްޓޯބަރު 2025، 05:53

06 އޮކްޓޯބަރު 2025، 05:53

ފްރީޑަމް ފްލޯޓިލާއާ ހުއްޓުވައި އޭގެ ފަޅުވެރިން އަސީރުކުރުމާ ގުޅިގެން އިސްރާއީލުގެ މައްޗަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި މައްސަލަ އުފުލާނެ ކަމަށް ސްޕެއިންގެ އިންޓީރިއާ މިނިސްޓަރު ފަރުނާންޑޯ ގްރާންޑެ މާލަސްކާ ވިދާޅުވެއްޖެއެވެ.

 އިންޓަނޭޝަނަލް ވޯޓަރސްގައި މީހުންނަށް ގޯނާކުރުމަކީ ލޯކަލް އަދި އިންޓަނޭޝަނަލް ޤާނޫނުގެ ދަށުން މިނިވަންކަން ނިގުޅައިގަތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޣައްޒާއަށް އެހީވުމަށް ދިޔަ ފްރީޑަމް ފްލޯޓިލާގައި ބައިވެރިވި 29 އެކްޓިވިސްޓުން އިއްޔެ އާދީއްތަ ދުވަހު ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ވަނީ އެނބުރި ގޮސްފައެވެ. މި އެކްޓިވިސްޓުންނަކީ އިންޓަނޭޝަނަލް ވޯޓަރސްގައި އުޅެނިކޮށް އިސްރާއީލުން ހައްޔަރުކޮށް، ހިފަހައްޓާފައިވާ ބައެކެވެ.

ފްރާންސް ޕްރެސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި ސްޕެއިންގެ އެކްޓިވިސްޓުން ބުނެފައިވަނީ އިސްރާއީލުގައި އެމީހުންނަށް "ޖިސްމާނީ އަދި ނަފްސާނީ އަނިޔާ" ކުރި ކަމަށެވެ. ފްލޯޓިލާގެ މެންބަރެއް ކަމަށްވާ ރަފާއެލް ބޮރީގޯ ނޫސްވެރިންނަށް ބުނެފައިވަނީ އެމީހުންނަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ތަކުރާރުކޮށް ކުރި ކަމަށާއި، ތަޅައި، ބިންމަތީގައި ދަމައި، ލޮލުގައި ބަނދެ، އަތާއި ފައިގައި ކަސްތަޅު އެޅުވި ކަމަށެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސް މެނުއެލް އަލްބާރެސް ވިދާޅުވެފައިވަނީ އިސްރާއީލުގައި އަދިވެސް ހައްޔަރުކޮށްފައި ތިބި 28 ސްޕޭނިޝް އެކްޓިވިސްޓުން މިއަދު ހޯމަ ދުވަހު ދޫކޮށްލައި، ސްޕެއިނަށް ފޮނުވާލާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ހައްޔަރުކޮށްފައި ތިބި މީހުންނަށް ކާނާ، ފެން އަދި ބޭސްފަރުވާގެ ޚިދުމަތް ލިބޭތޯ ސަރުކާރުން ކޮންމެ ދުވަހަކު ބަލާނެ ކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

ހާރެޓްޒް ނޫހުން ރިޕޯޓުކުރި ގޮތުގައި ފްރީޑަމް ފްލޯޓިލާގެ ގިނަ އެކްޓިވިސްޓުން ފަނޑިޔާރުންގެ ކުރިމަތީގައި ބުނެފައިވަނީ ފުލުހުންގެ ފަރާތުން އަނިޔާއާއި ހަޑިހުތުރު ބަހުން މުޢާމަލާތްކުރި ކަމަށެވެ. އަދި ފުލުހުން ފެން ބުއިން މަނާކޮށް، ވަކީލުންނާ ބައްދަލުކުރުމުގެ ހައްގު ނިގުޅައިގަތް ކަމަށްވެސް އެކްޓިވިސްޓުން ބުނެފައިވެއެވެ. 

ބުދަ ދުވަހުގެ ރޭއްސުރެ ޣައްޒާއަށް ދަތުރުކުރަމުންދިޔަ ފްރީޑަމް ފްލޯޓިލާގެ 42 އުޅަނދު އިސްރާއީލުން ވަނީ އިންޓަނޭޝަނަލް ވޯޓަރސްގައި ހިފަހައްޓައި، އުޅަނދުތަކުގައި ތިބި ސަތޭކަ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން