ދުނިޔެ
އިސްރާއިލްގެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 20،000 އާގާތްކުރާ ޢަދަދަކަށް ކުދިން ޝަހީދުވެއްޖެ

ޣައްޒާގެ ތުއްތު ކުއްޖެއްގެ ޝަހީދުވެފައިވާ ހަށިގަނޑާއި އެކު އެކުއްޖާގެ މަންމަ
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 19،450 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ގަވަރމަންޓް މީޑިއާ އޮފީހުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ.
އެއޮފީހުން ބުނެފައިވަނީ މީގެ އިތުރުން 12،500 އަށްވުރެ ގިނަ އަންހެނުން ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރެއިން 10،160 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ 90 އިންސައްތަ ސަރަހައްދު ހަލާކުވެފައިވާ ކަމަށާއި، 80 އިންސައްތަ ސަރަހައްދު އިސްރާއީލުގެ ބާރުގެ ދަށަށް ގޮސްފައިވާ ކަމަށް މީޑިއާ އޮފީހުން ބުނެފައިވެއެވެ. މި ހަމަލާތަކުގައި 200،000 ޓަނުގެ ގޮވާ ތަކެތި ބޭނުންކޮށްފައިވާ ކަމަށްވެސް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.
މި ހަނގުރާމައިގައި މިހާތަނަށް 1،670 މެޑިކަލް މުވައްޒަފުންނާއި، 140 ސިވިލް ޑިފެންސް މުވައްޒަފުންނާއި، 254 ނޫސްވެރިން ޝަހީދުވެފައިވެއެވެ. އަދި ބަނޑުހައިހޫނުކަމާއި ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން 12،000 މާބަނޑު އަންހެނުންގެ ބައިގެންގޮސްފައިވާ ކަމަށް މީޑިއާ އޮފީހުން ބުނެފައިވެއެވެ.
އިސްރާއީލުން ޣައްޒާގެ ޞިއްޙީ ދާއިރާއަށް "ސިސްޓަމެޓިކް" ގޮތެއްގައި ހަމަލާދީފައިވާ ކަމަށް ބުނެ، 38 ހޮސްޕިޓަލާއި، 96 ސިއްހީ މަރުކަޒު އަދި 197 އެމްބިއުލަންސް ހަލާކުކޮށްލާފައިވާ ކަމަށް މީޑިއާ އޮފީހުން ބުނެފައިވެއެވެ. މީގެ އިތުރުން 835 މިސްކިތް މުޅިން ހަލާކުކޮށްލާފައިވާ ކަމަށާއި، 180 މިސްކިތަށް ގެއްލުން ލިބިފައިވާ ކަމަށާއި، 3 ޗާޗަށް ހަމަލާދީފައިވާ ކަމަށާއި، 40 ގަބުރުސްތާނު ހަލާކުކޮށްލާފައިވާ ކަމަށާއި، 2،450 އަށްވުރެ ގިނަ ހަށިގަނޑު ވަޅުލާފައި ހުރި ތަންތަނުން ނަގާފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި ހަނގުރާމައިގެ ސަބަބުން 268،000 ގެދޮރު މުޅިން ހަލާކުވެ، 148،000 ގެދޮރަށް ބޮޑެތި ގެއްލުން ލިބި، 153،000 ގެދޮރަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، މީގެ ސަބަބުން 288،000 އާއިލާ ހިޖުރަކުރަން މަޖުބޫރުވެފައިވާ ކަމަށް މީޑިއާ އޮފީހުން ބުނެފައިވެއެވެ. މި އާއިލާތައް ދިރިއުޅެމުންދާ 125،000 ޓެންޓުގެ ބޮޑުބައި މިހާރު ބޭނުންކުރަން ނުކުޅެދޭ ހާލަތުގައި ވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި 67،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށާއި، ޣައްޒާގައި އިންސާނުން ދިރިއުޅެން ނުކުޅެދޭ ހާލަތަކަށް ގޮސްފައިވާ ކަމަށާއި، އިސްރާއީލުން ޣައްޒާއަށް ދަމާފައިވާ ބްލޮކޭޑްގެ ސަބަބުން ބަނޑުހައިހޫނުކަމުގެ ހާލަތަކަށް ގޮސްފައިވާ ކަމަށް މީޑިއާ އޮފީހުން ބުނެފައިވެއެވެ.