ދުނިޔެ

ބޯޓުތައް ހުއްޓުވުމުން އެހީގެ ތަކެއްޗާއެކު އަލުން ފުރާ ފްލޮޓިލާއަށް ދެ އުޅަނދެއް ގުޅިއްޖެ

ބޯޓުތައް ހުއްޓުވުމުން އެހީގެ ތަކެއްޗާއެކު އަލުން ފުރާ ފްލޮޓިލާއަށް ދެ އުޅަނދެއް ގުޅިއްޖެ

ފްލޮޓިއްލާ ފްލީޓްގައި ހިމެނުނު ބޯޓެއްގައި ފަލަސްޠީނުގެ ދިދަ ނަގައިފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2025، 08:50

05 އޮކްޓޯބަރު 2025، 08:50

ބޯޓުތައް ހުއްޓުވުމުން އެހީގެ ތަކެއްޗާއެކު އަލުން ފުރާ ފްލޮޓިލާއަށް ދެ އުޅަނދެއް ގުޅިއްޖެއެވެ.

އިސްރާއީލުން ޣައްޒާއަށް ކުރިމަތިކޮށްފައިވާ ހިޞާރު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ކޮމިޓީން މިއަދު ހާމަކުރި ގޮތުގައި، ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ އެންމެ ފަހުގެ މިޝަނަށް އިތުރު ދެ އުޅަނދު ވަނީ ގުޅިފައެވެ.

މިހާރު ޣައްޒާއާ ދިމާއަށް ދަތުރުކުރަމުންދާ އުޅަނދުތަކުގެ އަދަދު 11 އަށް އަރާފައިވާއިރު، މީގެ ކުރިން ފުރި ފްލޮޓިލާއަކަށް ބައިނަލްއަޤްވާމީ ކަނޑުގައި އިސްރާއީލީ ސިފައިން ހަމަލާދީފައިވެއެވެ.

ކޮމިޓީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، "ޣައްސާން ކަނަފާނީ" އަދި "އަލް-އައުދާ (ރިޓާން)" ގެ ނަމުގައި ދެ އުޅަނދު މި ފްލޮޓިލާއާ ގުޅިފައިވެއެވެ. މި ފްލޮޓިލާގައި 170 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ އެކްޓިވިސްޓުން ދަތުރުކުރަމުންދެއެވެ.

ފްލޮޓިލާ މިހާރު ވަނީ ގްރީސްގެ ކްރީޓް ޖަޒީރާ ފަހަނައަޅާ، މިސްރުގެ މަރްސާ މަތްރޫހުގެ އުތުރަށް ދަތުރުކޮށްފައެވެ. މި ފްލޮޓިލާގެ އިސް އުޅަނދުތަކުގެ ތެރޭގައި "ޑޮކްޓަރުންނާއި ނޫސްވެރިންގެ އުޅަނދު" ނުވަތަ "އަލް-ދަމީރު (ކޮންޝަންސް)" ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ ޑޮކްޓަރުންނާއި ނޫސްވެރިން އުފުލާ ބޮޑު އުޅަނދެކެވެ.

"އަޅުގަނޑުމެން ޣައްޒާ އެކަނި ދޫކޮށްނުލާނަން،" ކޮމިޓީން ބުނެފައިވެއެވެ. އަދި މި އުޅަނދުތަކުގެ މަޤްޞަދަކީ އިސްރާއީލުގެ ހިޞާރު ނިމުމަކަށް ގެނެސް، އިންސާނީ އެހީ ފޯރުކޮށްދިނުން ކަމަށް ފާހަގަކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހު އިސްރާއީލީ ކަނޑުގެ ސިފައިން ވަނީ ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތަކަށް ހަމަލާދީ، 50 އަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވި 470 އަށްވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފައެވެ. އިސްރާއީލުން ވަނީ ގާތްގަނޑަކަށް 2.4 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ މައްޗަށް 18 އަހަރު ވަންދެން ހިޞާރު ކޮށްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ގާތްގަނޑަކަށް 66,300 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ބަނޑުހައިހޫނުކަން ވަނީ އިންތިހާއަށް އިތުރުވެފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން