ދުނިޔެ
އިސްރާއިލްގެ ބަންދުގައި ގްރެޓާ ތުންބަރގްއަށް އަނިޔާކުރި ކަމަށް އެކްޓިވިސްޓުން ބުނެފި

ގްރެޓާ ތުންބަރގް
އިސްރާއިލްގެ ބަންދުގައި ގްލޯބަލް ސުމުދް ފްލޮޓިއްލާގެ މެމްބަރު ގްރެޓާ ތުންބަރގްއަށް އަނިޔާކުރި ކަމަށް އެކްޓިވިސްޓުން ބުނެފިއެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރި ކަނޑުދަތުރުގައި ބައިވެރިވި އެކްޓިވިސްޓުންގެ ތެރެއިން އިސްރާއިލުން ޑިޕޯޓްކުރި ގިނަ އެކްޓިވިސްޓުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އެކްޓިވިސްޓް ގްރެޓާ ތުންބަރގްއަށް އިސްރާއިލްގެ ސިފައިން އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ.
ތުރުކީގެ އޮފިޝަލުން މަޢުލޫމާތު ދިން ގޮތުގައި، އިސްރާއިލުން ޑިޕޯޓްކުރި 137 މީހުންގެ ތެރޭގައި 36 ތުރުކީ ރައްޔިތުންނާއި އެމެރިކާ، އިޓަލީ، މެލޭޝިއާ، ކުވެއިތު، ސުވިޒަލޭންޑް، ޓިއުނީޝިއާ، ލިބިޔާ، ޖޯޑަން އަދި އެހެނިހެން ޤައުމުތަކުގެ އެކްޓިވިސްޓުން ހިމެނެއެވެ. މި އެންމެން މިހާރު ތިބީ ތުރުކީގެ އިސްތަންބޫލްގައެވެ.
ތުރުކީ ނޫސްވެރިއެއް ކަމަށްވާ އަރސިން ސެލިކް ވަނީ ގްރެޓާ ތުންބަރގްއަށް އަނިޔާކުރި މަންޒަރު ލޮލުން ދުށް ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި ގްރެޓާ ބިންމަތީގައި ދަމައި، އިސްރާއިލްގެ ދިދައަށް ބޮސްދޭން މަޖުބޫރުކުރިއެވެ. މެލޭޝިއާގެ އެކްޓިވިސްޓް ހަޒްވާނީ ހެލްމީ އާއި އެމެރިކާގެ ބައިވެރިވެރިއެއް ކަމަށްވާ ވިންޑްފީލްޑް ބީވަރ ވެސް ވަނީ މިފަދަ ވާހަކަތަކެއް ދައްކާފައެވެ.
"މިއީ ވަރަށް ބޮޑު ހިތާމައެއް. އަޅުގަނޑުމެންނާމެދު ޢަމަލުކުރީ ޖަނަވާރުންނާ މެދު ޢަމަލުކުރާ ފަދައިން،" ހެލްމީ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ބަންދުގައި ތިބި މީހުންނަށް ކާއެއްޗެއްސާއި، ސާފު ފެނާއި، ބޭސް ނުލިބެއެވެ.
އިސްރާއިލްގެ ޙައްޤުތަކާބެހޭ ޖަމާޢަތެއް ކަމަށްވާ އަދާލާއިން ބުނި ގޮތުގައި ބަންދުގައި ތިބި މީހުން ރިޕޯޓުކޮށްފައިވާ ގޮތުން، އެތައް ގަޑިއިރެއް ވަންދެން އަތްފައި ބަނދެފައި ކަކޫމައްޗަށް ޖައްސައި، ބޭސް ނުދީ، ވަކީލުންނާ ބައްދަލުކުރުން މަނާކޮށްފައިވެއެވެ. ނަމަވެސް އިސްރާއިލްގެ ފޮރިން މިނިސްޓްރީން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ ބަންދު މީހުންނާމެދުވެސް ޢަމަލުކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ބުނެފައިވެއެވެ.