ދުނިޔެ
އިސަބެލާ ސަރަޙައްދަށް ތޫފާން މަޓްމޯ އަރައި، ބިންހެލުމުގެ ހާދިސާއިން އަރައިނުގަނެވެނިސް އިތުރު ގެއްލުންތަކެއް ވެއްޖެ

ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ
ފިލިޕީންސްގެ އުތުރަށް ވަރުގަދަ ތޫފާނެއް އަރައި، ދާދި ފަހުން އައި ބިންހެލުމާއި ވަރުގަދަ ވައިގެ ދެތޫފާނުގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ތޫފާން މަޓްމޯ އިސަބެލާ ޕްރޮވިންސްގެ ދިނަޕިގުއޭ ސަރަޙައްދަށް އެރިއިރު، ގަޑިއަކު 130 ކިލޯމީޓަރުގެ ސްޕީޑުގައި ވައި ޖެހިފައިވެއެވެ. މި ތޫފާން ދަނޑުވެރިކަމުގެ ސަރަޙައްދުތަކާއި ފަރުބަދަމަތީ ސަރަޙައްދުތަކުގެ ތެރެއިން ހުޅަނގު އުތުރަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދާނެ ކަމަށް ބެލެވޭ ރަށްތަކުން މީހުން ސަލާމަތްތެރި ތަންތަނަށް ދަނީ ބަދަލުކުރެވެމުންނެވެ. އަދި ސްކޫލްތައް ބަންދުކޮށް، މަސްވެރިންނާއި މުދާ އުފުލާ އުޅަނދުފަހަރު ކަނޑަށް ނުނިކުތުމަށް އިރުޝާދު ދެވިފައިވެއެވެ.
މި ޓައިފޫން ފިލިޕީންސްއަށް މިއަހަރު އެރި 16 ވަނަ ވައިގަދަ ވިއްސާރައެވެ. އަހަރަކު 20 އެއްހާ ތޫފޫން އަދި ވަރުގަދަ ވިއްސާރަ މި ޤައުމަށް އަރައެވެ. މީގެ ކުރިން އެރި ބުއަލޮއި ސްޓޯމްގެ ސަބަބުން 37 މީހުން މަރުވެ، ހާހުން ގުނާލެވޭ އަދަދެއްގެ މީހުން ގެދޮރު ދޫކޮށް ދާންޖެހުނެވެ.
މީގެ އިތުރުން، މިދިޔަ އަންގާރަ ދުވަހު އެރި 6.9 ރިކްޓަރ ސްކޭލްގެ ބިންހެލުމުގައި މަދުވެގެން 72 މީހުން މަރުވެ، 550 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. 5،000 އަށްވުރެ ގިނަ ގެ ހަލާކުވެ، ގިނަ ބަޔަކު ފަހުން އަންނަ ބިންހެލުންތަކުގެ ބިރާއި އެކު ގޭގެއިން ނުކުމެ މަގުމަތީގައާއި ޕާކުތަކުގައި ދިރިއުޅެމުންދާ ކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.