ދުނިޔެ
ފަސް އަހަރަށް ފަހު އިންޑިއާ އާއި ޗައިނާއާ ދެމެދު ޑިރެކްޓް ފްލައިޓްތަައް ފަށަނީ

އިންޑިއާގެ ބޮޑުވަޒީރު މޯޑީ އަދި ޗައިނާގެ ރައީސް ޝީ
އިންޑިއާ އާއި ޗައިނާ އާ ދެމެދު ގުޅުން ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި، 5 އަހަރުގެ މެދުކެނޑުމަކަށްފަހު މި މަހު ތެރޭގައި ދެ ޤައުމުގެ ބައެއް ސިޓީތަކާ ދެމެދު ސީދާ ވައިގެ ދަތުރުތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ.
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން 2020 ގައި ހުއްޓާލި ދަތުރުތައް، ދެ ޤައުމުގެ ބޯޑަރުގައި ހިނގި ދިގު ހަމަނުޖެހުންތަކާ ގުޅިގެން އަލުން ނުފެށި ލަސްވެފައިވަނިކޮށް، މިހާރު އެ ދަތުރުތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ. ޗައިނާގައި ހުންނަ އިންޑިއާގެ އެމްބަސީން ވީޗެޓްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމާޝަލް އެއަރލައިންތަކުގެ ނިންމުމާ އެއްގޮތަށް އޮކްޓޯބަރު މަހުގެ ފަހުކޮޅު ކަނޑައެޅިފައިވާ ސިޓީތަކާ ދެމެދު ދަތުރުތައް ފެށޭނެ ކަމަށެވެ.
އިންޑިއާގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އިންޑިގޯއިން ވަނީ އޮކްޓޯބަރު 26 އިން ފެށިގެން ކޮލްކަތާއިން ގުއަންޒޯއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިއުލާނުކޮށްފައެވެ. މި ނިންމުމަކީ އިންޑިއާ އާއި ޗައިނާ އާ ދެމެދު ގުޅުން އާންމު ހާލަތަށް ގެނައުމަށް އިންޑިއާ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބައެއް ކަމަށް އެމްބަސީން ބުނެފައިވެއެވެ.
7 އަހަރަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޗައިނާއަށް ޒިޔާރަތްކުރި ދަތުރުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބައްދަލުކޮށް، ދެ ޤައުމަކީ ވާދަވެރިން ނޫން ކަމަށާއި، ތަރައްގީގެ ބައިވެރިން ކަމަށް އެއްބަސްވެފައިވެއެވެ. އަދި ޓްރަމްޕްގެ ސަބަބުން އުފެދިފައިވާ ވިޔަފާރީގެ ހަމަނުޖެހުންތަކާ ދެކޮޅަށް ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުން ކުށްވެރިކޮށް، އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ޓެރިފް 50 އިންސައްތައަށް މަތިކޮށްފައެވެ. އަދި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށް ރަޝިއާއަށް ފިއްތުން ދިނުމުގެ ގޮތުން ޗައިނާ އާއި އިންޑިއާގެ މުދަލަށް 100 އިންސައްތައިގެ ޓެރިފް ނެގުމަށް ޔޫރަޕިއަން ޔޫނިއަނަށް ގޮވާލާފައިވެއެވެ.