ކުޅިވަރު / ޚަބަރު

ސްކޭޓް އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މުހިންމު މަސައްކަތެއް : ރައީސުލްޖުމްހޫރިއްޔާ

ސްކޭޓް އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މުހިންމު މަސައްކަތެއް : ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުސްފަސްގަނޑުގެ ސްކޭޓިންގ އެރީނާ ހުޅުއްވައިދެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޮކްޓޯބަރު 2025، 03:31

03 އޮކްޓޯބަރު 2025، 03:31

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އިއްޔެ ހަވީރު އުސްފަސްގަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެރީނާގެ ބިންގާ ވަނީ އަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިއްޔެ ބިންގާ އަޅާ އަމަލީ މަސައްކަތް ފަށާފައިވާ މި ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ. އަދި މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މި މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް ރައީސް ވަނީ މަރުޙަބާ ދަންނަވާފައެވެ.

އުސްފަސްގަނޑުގައި ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯޑް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވަޑައިގެންފައެވެ. ރާއްޖޭގައި ސްކޭޓް ހަރަކާތްތައް ހިންގަމުންދާ ފަރާތްތަކާއި، ސްކޭޓްކުރާ ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ރަސްމިއްޔާތުގައި، އެ ކުދިންގެ ސްކޭޓް ކުރުމުގެ ހުނަރުތައް ވަނީ ދައްކާލާފައެވެ. ސްކޭޓަރުންގެ ހުނަރުތައް ބައްލަވާލައްވާ ސްކޭޓިން ކޮމިޔުނިޓީއާއިއެކު ރައީސް ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



ރާއްޖޭގައި މިހާރު ވެސް ކުރިއަރަމުން އަންނަ މި ކުޅިވަރުން ބައިނަލްއަޤްވާމީ ޕްލެޓްފޯމުތަކަށް ދިވެހި އެތުލީޓުން ނެރެމުން އަންނައިރު، މިހިނގާ މެއި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒްގައި ވާދަކޮށް ރާއްޖޭގެ ސްކޭޓަރުން ވަނީ ރަން މެޑެއްޔަކާ، ރިހި މެޑައްޔެއްގެ އިތުރުން 8 ލޯ މެޑަލް ހޯދާފައެވެ. މި އެރީނާއާއެކު މިފަދަ ކާމިޔާބީތައް އިތުރުވެ، ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން