ޚަބަރު
އެޗްޑީސީއަށް ވެފައިވާ 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލަނީ

ހުޅުމާލެ---

ފަރުދުން
02 އޮކްޓޯބަރު 2025، 11:34
02 އޮކްޓޯބަރު 2025، 11:34
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ވެފައިވާ 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުންދާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެޗްޑީސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ޚިދުމަތުން 200 ވަރަކަށް މިލިއަން ރުފިޔާގެ ޚިޔާނާތް، ބައެއް ފަރާތްތަކުން ވެފައިވާކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހިޔާނާތުގެ ތެރޭގައި މުދަލުން ވައްކަން ކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ބިންތައް ކުއްޔަށް ދިނުންފަދަ މުޢާމަލާތްތައް ހިމެނެއެވެ.
މީގެ އިތުރުން ކޯޕަރޭޝަނުން އެޗްޑީސީއިން ކަނޑައަޅާފައިވާ އިޖުރާޢަތްތަކާއި އުސޫލުތަކާ ޚިލާފަށް ބިން ވިއްކާފައި ހުރިކަން ވެސް އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން މި މައްސަލަތައް ތަޙުޤީޤު ކުރުމަށް އެޗްޑީސީއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ވަނީ އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ހާމަކޮށްފައެވެ.