ދުނިޔެ

ޓްރަމްޕްގެ ޣައްޒާ ޕްލޭން އިތުރަށް ތިލަކޮށް، މަޝްވަރާކުރަން ޖެހޭ: ޤަޠަރު

ޓްރަމްޕްގެ ޣައްޒާ ޕްލޭން އިތުރަށް ތިލަކޮށް، މަޝްވަރާކުރަން ޖެހޭ: ޤަޠަރު

ޤަޠަރުގެ އަމީރު ޝައިޙް ތަމީމް ބިން ޙަމަދް އަލް ޘާނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2025، 08:04

02 އޮކްޓޯބަރު 2025، 08:04

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގެ ހަނގުރާމަ ނިންމުމަށް ހުށަހަޅުއްވާފައިވާ ޕްލޭނަކީ އިތުރަށް ސާފުކޮށް، ތިލަކޮށް މަޝްވަރާކުރަންޖެހޭ ކަންތައްތަކެއް ހުރި ޕްލޭނެއް ކަމަށް ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

 ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ޚާއްޞަކޮށް އިސްރާއީލީ ސިފައިން އަނބުރާ ގެނައުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރަން ޖެހޭ ކަމަށެވެ.

ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ، އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ވިދާޅުވީ، މި ޕްލޭނަކީ އަދިވެސް އިބްތިދާއީ މަރުހަލާގައިވާ އަދި އިތުރަށް ތަރައްޤީކޮށް، ސާފުކުރަންޖެހޭ ޕްލޭނެއް ކަމަށެވެ. އަދި މި ޕްލޭންގައި ގިނަ ކަންތައްތަކެއް އިތުރަށް ސާފުކޮށް، މަޝްވަރާކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހޯމަ ދުވަހު ވައިޓް ހައުސްގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ހާޒިރުގައި އިއުލާންކުރި 20 ނުކުތާގެ ޕްލޭންގައި ހިމެނެނީ، އިސްރާއީލްގެ ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށްލުމުގެ ބަދަލުގައި، ފަލަސްތީނުން ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމާއި، ހަމާސް ހަތިޔާރު ދޫކޮށްލުމާއި، އިސްރާއީލީ ސިފައިން މަރުހަލާތަކަކަށް ބަހާލައިގެން އަނބުރާ ގެނައުމާއި، ފަލަސްތީނުގެ ޓެކްނޮކްރެޓިކް ވެރިކަމުގެ ކޮމިޓީއެއް އުފެއްދުމެވެ.

ޝެއިޚް މުޙައްމަދު ވިދާޅުވި ގޮތުގައި، މި ޕްލޭނާ މެދު ހަމާސްގެ ޖަވާބު އަދި ލިބިފައި ނުވާ ކަމަށާއި، ފަލަސްތީނުގެ ހުރިހާ ފަރާތްތަކެއްގެ އެއްބަސްވުން މުހިންމެވެ. އަދި މެދުވެރިންގެ ގޮތުގައި ތިބި ޤަޠަރާއި މިޞްރު ވަނީ ހަމާސްއަށް ސާފުކޮށް އަންގާފައި، އެންމެ މުހިންމު އެއް ކަމަކީ ހަނގުރާމަ ހުއްޓުވުން ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 66,000 އަށް ވުރެ ގިނަ ފަލަސްތީނުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ދިރިއުޅެވޭ ވަރު ވެސް ނުވެ، އާބާދީ ބަނޑަހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން