ދުނިޔެ

ތުރުކީވިލާތުގެ އިސްތަންބޫލަށް ބިންހެލުމެއް އަތުވެއްޖެ

ތުރުކީވިލާތުގެ އިސްތަންބޫލަށް ބިންހެލުމެއް އަތުވެއްޖެ

ބިންހެލުމުގެ އިހްސާސް ކުރެވި އޮފީސް އިމާރާތްތަކުން މީހުން ހުސްކުރެވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2025، 07:58

02 އޮކްޓޯބަރު 2025، 07:58

ތުރުކީވިލާތުގެ އިސްތަންބޫލް ސިޓީއަށް މިއަދު މެންދުރުފަހު 2:55 ގައި 5.0 ގެ ބިންހެލުމެއް އައިސްފައިވާ ކަމަށް އެ ޤައުމުގެ ކާރިސާ އަދި ކުއްލި ހާލަތު ބެލެހެއްޓުމުގެ އިދާރާ (އަފާދު)އިން ހާމަކޮށްފިއެވެ. 

މި ބިންހެލުމުގެ އަސަރުކޮށްފައިވަނީ ތުރުކީވިލާތުގެ އުތުރު ހުޅަނގު ސަރަހައްދުގައިވާ ޓެކިރްދާގް ސަރަޙައްދަށެވެ.

އިސްތަންބޫލް އަދި އެ ސަރަހައްދުގެ ރައްޔިތުން ވަނީ މި ބިންހެލުން އިހުސާސްކުރެވުނު ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ގެއްލުމެއް ނުވަތަ އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މި ބިންހެލުން އައީ 6.71 ކިލޯމީޓަރުގެ ފުންމިނަކުންނެވެ.

އިސްތަންބޫލްގެ ގަވަރުނަރު، ދަވުތު ގުލް ވަނީ ސޯޝަލް މީޑިއާގައި މިކަމާގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. "މަރްމަރާ ކަނޑުގެ މަރްމަރާއެރެގްލިސީ ސަރަޙައްދަށް އައި 5.0 ގެ ބިންހެލުމާ ގުޅިގެން، މިހާތަނަށް އިސްތަންބޫލަށް އެއްވެސް ގެއްލުމެއް ވެފައިވާކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވޭ. އަޅުގަނޑުމެންގެ ފީލްޑް ޓީމްތަކުން ވަނީ މުޅި ސިޓީގައި އިންސްޕެކްޝަންތައް ފަށާފައި. އަދި ގެއްލުން ލިބިދާނެ ފަދަ އިމާރާތްތަކާ ކައިރި ނުވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިޢުލާންތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަން،" ގަވަރުނަރު ވިދާޅުވިއެވެ.

އަދި އިތުރު ބިންހެލުންތައް އަތުވެދާނެ ކަމަށް ބެލެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމު ރައްޔިތުންނަށް އިރުޝާދު ދެމުންދާ ކަމަށް އިދާރާތަކުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ހާލަތު ގާތުން ބަލަމުންދާ ކަމަށްވެސް މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން