ދުނިޔެ
ސެޕްޓެމްބަރ މަހު ޣައްޒާއަށް ވަދެފައިވަނީ ފޮނުވަން ހަމަޖެހުނު އެހީގެ 10 އިންސައްތަ އެކަނި

ޣައްޒާއަށް ވަންނަން ތައްޔާރަށް ހުރި އެހީގެ ޓްރަކްތަކެއް
ސެޕްޓެމްބަރ މަހު ޣައްޒާއަސް ވަދެފައިވަނީ ފޮނުވަން ހަމަޖެހުނު އެހީގެ 10 އިންސައްތަ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑީއާ އޮފީހުން ބުނެެފިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ސެޕްޓެމްބަރ މަހު ޣައްޒާއަށް ވަދެފައިވަނީ އަންދާޒާކުރެވުނު 18،000 އެހީގެ ޓްރަކުގެ ތެރެއިން އެންމެ 1،824 ޓްރަކެވެ. އަދި މީގެ ގިނަ އަދަދެއްގެ އެހީތައް އިސްރާއީލުގެ އެހީތެރިކަމާއެކު ވަގަށް ނެގިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
އެ އޮފީހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އަދަދަކީ ޣައްޒާގައި ދިރިއުޅޭ 2.4 މިލިއަން ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ކުޑަކުދިން ހިމެނޭ އާބާދީއަށް ބޭނުންވާ އިންސާނީ އެހީގެ 10 އިންސައްތަ އެކަނި ކަމަށް ވެއެވެ.
އިސްރާއީލުން ވަނީ ޣައްޒާގެ މައްޗަށް ހަރުކަށި ޚިޞާރެއް ތަންފީޒުކޮށްފައެވެ. މީގެ ސަބަބުން ވޭތުވެދިޔަ 7 މަސް ދުވަހުގެ ތެރޭގައި ހުރިހާ ބޯޑަރ ކްރޮސިންގްތަކެއް ބަންދުކޮށް، އެކަށީގެންވާ މިންވަރަށް އެހީގެ ޓްރަކުތައް ވަނުމަށް ހުރަސްއަޅައި، އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްއަޅަމުން ގެންދެއެވެ.
އިތުރަށް އެ އޮފީހުން ހާމަކުރި ގޮތުގައި، އިސްރާއީލުން ވަނީ ކުޑަކުދިންނާއި ބަލިމީހުންނަށް ބޭނުންވާ 430 ބާވަތެއްގެ އަސާސީ ކާބޯތަކެތި ޣައްޒާއަށް ވެއްދުން މަނާކޮށްފައެވެ. މީގެ ތެރޭގައި ބިސް، މަސް، ޗީޒް، ކިރުގެ އުފެއްދުންތައް، މޭވާ، ތަރުކާރީ އަދި ކާނާގެ ސަޕްލިމެންޓްތައް ހިމެނެއެވެ.
ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި، 2.4 މިލިއަން މީހުންގެ އެންމެ އަސާސީ ބޭނުންތައް ފުއްދުމަށް ދުވާލަކު 600 އަށްވުރެ ގިނަ އެހީގެ ޓްރަކު ބޭނުންވެއެވެ. އަދި ހަނގުރާމައިގެ ސަބަބުން އިންފްރާސްޓްރަކްޗަރ ވަނީ ހަލާކުވެފައެވެ. އަދި ބްލޮކޭޑްގެ ސަބަބުން ރައްޔިތުންގެ ގަތުމުގެ ބާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އާބާދީގެ 95 އިންސައްތަ މީހުންނަށް މާރުކޭޓުގައި މުދާ ލިބެން ހުރި ކަމުގައި ވިޔަސް އެ ތަކެތި ގަތުމުގެ ކުޅަދާނަކަމެއް ނެތެވެ.
މި އިންސާނީ ކާރިސާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލާއި އެ ޤައުމުގެ ވާގިވެރިން، ޚާއްޞަކޮށް އެމެރިކާ ކަމަށް ފަލަސްތީނު މީޑިއާ އޮފީހުން ބުނެފައިވެއެވެ. އަދި އދ އާއި އިސްލާމީ އަދި ޢަރަބި ޤައުމުތަކާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައިވަނީ ބޯޑަރ ކްރޮސިންގްތައް ހުޅުވައި، އެހީތައް، ޚާއްޞަކޮށް ކާނާއާއި ކުޑަކުދިންގެ ކިރާއި ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ބޭސްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ، އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އިސްރާއީލް ޖަވާބުދާރީ ކުރުވުމަށެވެ.