ދުނިޔެ
އިސްރާއިލް ސިފައިން ޣައްޒާގެ އޮން ޑިޔުޓީ ނަރުހެއް ރަހީނުކޮށްފި

ތަސްނީމް އަލް-ހަމްސް އަދި އޭނާގެ ބައްޕަ ޑރ މަރުވާން އަލް-ހަމްސް
އިސްރާއިލްގެ ޚާއްސަ ބާރުތަކުން ޣައްޒާގެ ޚާން ޔޫނިސް ސިޓީގައި ހުރި ސިއްހީ މަރުކަޒަކުން އޮން ޑިޔުޓީގައި ހުރި ނަރުހެއް ކަމަށްވާ ތަސްނީމް އަލް-ހަމްސް ރަހީނުކޮށްފިއެވެ. މިއީ މީގެ މަސްތަކެއް ކުރިން އިސްރާއިލް ސިފައިން ރަހީނުކުރި ޑރ. މަރުވާން އަލް-ހަމްސްގެ ދަރިފުޅެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދިންގޮތުގައި، ތަސްނީމް ރަހީނުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު އޭނާ މަސައްކަތްކުރަމުންދިޔަ މެޑިކަލް ޕޮއިންޓުންނެވެ. ތަސްނީމްގެ ބައްޕަ ޑރ. މަރުވާން ރަހީނުކޮށްފައިވަނީ ޖުލައި 21 ވަނަ ދުވަހު، ރެޑް ކްރޮސްގެ ހޮސްޕިޓަލެއް ޒިޔާރަތްކުރަމުންދަނިކޮށެވެ. އެދުވަހު އިސްރާއިލް ސިފައިން ހޮސްޕިޓަލާ ދިމާލުގައި ހުރި ކެފޭއެއްގައި ތިބި އާންމު ރައްޔިތުންނަށް ވަޒަން ޖަހައި، ދެ ފަލަސްތީނު ރައްޔިތަކު ޝަހީދުކޮށްލައި، އެމްބިއުލާންސް ޑްރައިވަރަކު ޒަޚަމްވެފައިވެއެވެ.
ހެލްތްކެއަރ ވޯކަރސް ވޮޗް (އެޗްޑަބްލިއުޑަބްލިއު) ގެ ޖުލައި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު އިސްރާއިލްގެ ޖަލުތަކުގައި ޣައްޒާގެ 28 ޑޮކްޓަރުން ބަންދުކޮށްފައިވެއެވެ. މީގެ ތެރޭގައި ސަރޖަރީ، އޯތޯޕީޑިކްސް، އިންޓެންސިވް ކެއަރ، ކާޑިއޮލޮޖީ އަދި ކުޑަކުދިންގެ ޚާއްސަ އަށް ޑޮކްޓަރުން ހިމެނެއެވެ.
ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނާގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގައި އިސްރާއިލުން ވަނީ 300 އަށްވުރެ ގިނަ ޞިއްޙީ މުވައްޒަފުން ރަހީނުކޮށްފައެވެ. ނަމަވެސް އެޗްޑަބްލިއުޑަބްލިއު އިން ބުނާގޮތުގައި މި އަދަދަކީ 400 އަށްވުރެ ގިނައެވެ.
"ގިނަ ޞިއްޙީ މުވައްޒަފުން ހައްޔަރުކޮށްފައިވަނީ އެމީހުން މަސައްކަތްކުރާ ތަންތަނުން، އަދި އެމީހުން މަސްތަކެއް ވަންދެން ބަންދުކޮށްފައި ބައިތިއްބަނީ އެއްވެސް މުވާސަލާތެއް ނުކުރެވޭގޮތަށް، ބޭނުންވާ ޞިއްޙީ ފަރުވާ ނުލިބޭގޮތަށް، އަދި ވަރަށް ދެރަ ހާލަތެއްގައި، އަޅުގަނޑުމެން ގޮވާލަނީ ބާރުވެރި ފަރާތްތަކުން އިސްރާއިލްގެ މައްޗަށް ޕްރެޝަރު ކޮށްގެން ނަމަވެސް މި ޞިއްޙީ މުވައްޒަފުން ދޫކޮށްލުމަށް” އެޗްޑަބްލިއުޑަބްލިއުގެ ޑިރެކްޓަރު މުއާތު އަލްސަރު ވިދާޅުވިއެވެ.