ދުނިޔެ
އިންޑޮނޭޝިޔާގައި ވެއްޓުނު މަދަރުސާގެ އިމާރާތް: ދިރިތިއްބާ މީހުން ސަލާމަތްކުރެވިދާނެ ކަމުގެ އުންމީދު ފަނޑުވެއްޖެ

އަލް-ޚޮޒިނީ އިސްލާމިކް ބޯޑިންގ ސްކޫލުގެ އިމާރާތުގެ ދަށުން މީހުްނ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
އިންޑޮނޭޝިޔާގެ ޖާވާގެ އިރުމަތީ ސަރަހައްދުގައި ހުންނަ އަލް-ޚޮޒިނީ އިސްލާމިކް ބޯޑިންގ ސްކޫލުގެ އިމާރާތް ވެއްޓުނު ހާދިސާގައި މަރުވެފައިވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރާއި ދިރިތިއްބައި މީހުން ސަލާމަތްކުރެވިދާނެ ކަމުގެ އުންމީދު ފަނޑުވެއްޖެއެވެ.
މި ހާދިސާގައި މިހާތަނަށް 59 ދަރިވަރުން ވަނީ ގެއްލިފައެވެ.
މީހުން ހޯދުމުގެ މަސައްކަތް ފެށިތާ ތިން ދުވަސް ފަހުން، އަދި ސަލާމަތްވެދާނެ ކަމުގެ އުންމީދު ކުޑަވުމާއެކު، އިމާރާތުގެ ބޮޑެތި ސެކްޝަންތައް ނެގުމަށް ބޮޑެތި މެޝިނަރީ ބޭނުންކުރަން ވަނީ ފަށައިފައެވެ. މި ނިންމުން ނިންމީ ގެއްލިފައިވާ ދަރިވަރުންގެ އާއިލާތަކާ މަޝްވަރާކުރުމަށްފަހު، އަދި ތަނުން އިތުރު ދިރުމެއްގެ އަލާމާތެއް ނުފެނުމުންނެވެ.
މި ހާދިސާ ހިނގީ ހޯމަ ދުވަހު، ސަތޭކަ އަހަރު ވެފައިވާ މި މަދަރުސާގެ ނަމާދުކުރާ ހޯލު ވެއްޓުމުންނެވެ. އޮފިޝަލުން ބުނާ ގޮތުގައި، ދެ ބުރި އިމާރާތުގެ މަތީގައި ހުއްދަ ނެތި އިތުރު ދެ ފަންގިފިލާ އިމާރާތްކުރަމުން ދަނިކޮށް، ކޮންކްރީޓް އެޅުމުގެ ތެރޭގައި އިމާރާތުގެ ބިންގާ ވަނީ ފެއިލްވެފައެވެ.
މިހާތަނަށް 5 މީހުން މަރުވެފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ. އޭގެ ތެރެއިން 25 އަށްވުރެ ގިނަ މީހުން ވަނީ ބޮލަށް ލިބުނު އަނިޔާތަކާއި ކަށިތައް ބިދުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކުރެވިފައެވެ. ގެއްލުން ލިބުނު ގިނަ ދަރިވަރުންނަކީ 12 އަހަރާއި 19 އަހަރާ ދެމެދުގެ ފިރިހެން ދަރިވަރުންނެވެ.
ގެއްލިފައިވާ ދަރިވަރުންގެ ތެރޭގައި ހިމެނޭ 15 އަހަރުގެ މުހައްމަދު އަބްދުއްރަހްމާން ނަފީސްގެ މަންމަ ހަފިއާ ބުނީ އޭނާގެ ދަރިފުޅު ދިރިހުރި ކަމަށް އުންމީދުކުރާ ކަމަށެވެ. "އަހަރެންގެ ދަރިފުޅަކީ ވަރަށް ހަރަކާތްތެރި ކުއްޖެއް... ވަރަށް ވަރުގަދަ ކުއްޖެއް،" ހަފިއާ ބުނެފައިވެއެވެ.