ދުނިޔެ
ސިހުރު ހެދުމުގެ ތުހުމަތުތަކާއި އެކަމާ ގުޅިގެން ކުރާ އަނިޔާތައް ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ޤާނޫނު އެކުލަވާލަންޖެހޭ : އެމްނެސްޓީ އިންޓަނޭޝަނަލް

ސިހުރު ގެ ތުހުމަތުގައި އެކަހެރި ކުރެވިފައިޗާ ގާނާ އަށް ނިސްބަތްވާ އަންހެނެއް
ގާނާގައި ސިހުރު ހެދުމުގެ ތުހުމަތުގައި ތިބި ސަތޭކަޔަށްވުރެ ގިނަ އަންހެނުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހައްގުތައް ފޯރުކޮށްދިނުމުގައި ގާނާގެ ސަރުކާރު ނުކުޅެދިފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ޖަމިއްޔާއިން އާންމުކުރި އައު ރިޕޯޓެއްގައެވެ.
"ބްރޭންޑެޑް ފޯ ލައިފް: ހައު ވިޗްކްރާފްޓް އެކިއުޒޭޝަންސް ލީޑް ޓު ހިއުމަން ރައިޓްސް ވައިއޮލޭޝަންސް އޮފް ހަންޑްރެޑްސް އޮފް ވުމެން އިން ނޯތު ގާނާ" މި ނަމުގައި ނެރެފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ، ގާނާގެ އުތުރުގައި ހަތަރު ވަގުތީ ކޭމްޕެއްގައި ދިރިއުޅޭ 500 އަށްވުރެ ގިނަ މީހުންނަށް ސިއްހީ ހިދުމަތް، ކާނާ، ރައްކާތެރި ބޯހިޔާވަހިކަން، ސާފު ފެން އަދި އިގްތިސާދީ ފުރުސަތުތަކަށް އެކަށީގެންވާ ގޮތަކަށް ފުރުސަތު ނުލިބޭކަމަށެވެ. އެމްނެސްޓީ އިންޓަނޭޝަނަލްގެ ޓީމުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު އަދި 2024 ވަނަ އަހަރުގެ އޭޕްރީލް މަހު މި ކޭމްޕްތަކަށް ޒިޔާރަތްކުރިއިރު 500 އަށްވުރެ ގިނަ މީހުން އެތަނުގައި ދިރިއުޅެމުން ދިޔައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ އިސް ދިރާސާވެރިޔާ މިޝެލް އެކެން ވިދާޅުވެފައިވަނީ، ސިހުރުގެ ތުހުމަތުތަކާއި އެކަމާ ގުޅިގުޅިގެން ހިންގޭ އަނިޔާވެރި ޢަމަލުތަކަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށެވެ. މީގެ ތެރޭގައި ދިރިހުރުމުގެ ޙައްޤާއި، ރައްކާތެރިކަމުގެ ޙައްޤާއި، އަދި ތަފާތުކުރުމަކާ ނުލައި އުޅުމުގެ ޙައްޤު ހިމެނެއެވެ.
"ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ އާދަކާދައިގެ ސަބަބުން، ގިނަ ބަޔަކު ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކާއި އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވޭ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ސިހުރަށް ހުކުމްކުރުން ރައްކާތެރިކޮށްދީފައިވީ ނަމަވެސް، އެފަދަ ހުކުމްތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ޢަމަލުތައް މީގެ ތެރެއަކު ނުހިމެނެއެވެ. އެހެންކަމުން، މިކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް،" މިޝެލް އެކެން ވިދާޅުވިއެވެ.
ސިހުރު ހެދުމުގެ ތުހުމަތުތަކުގެ ފެށުން
ސިހުރު ހެދުމުގެ ތުހުމަތުތަކަކީ އާންމުކޮށް އާއިލާގެ ތެރެއިން ނުވަތަ މުޖުތަމައުގެ މެންބަރުންގެ މެދުގައި، ބަލިވުމެއް ނުވަތަ މަރުވުމެއް ފަދަ ހިތާމަވެރި ހާދިސާއަކަށްފަހު ފެށޭ ކަންކަމެވެ. މިއީ އިންޒާރު، ހަށިގަނޑަށް އަނިޔާކުރުން ނުވަތަ މަރުވުން ފަދަ ކަންކަމަށް މަގުފަހިކުރާ ކަންކަމެވެ. އުމުރުން ދޮށީ، ފަގީރުކަން ތަހައްމަލުކުރާ، ބަލިތަކެއް ހުންނަ ނުވަތަ ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް މިފަދަ ތުހުމަތުތަކުގެ ނުރައްކާ ބޮޑުވެއެވެ. އަދި ޖެންޑަރ ރޯލްތަކަށް ނުފެތޭ އަންހެނުންނަށްވެސް މި ނުރައްކާ ބޮޑެވެ. ބައެއް ފަހަރު، ތުހުމަތުކުރާ މީހުން އެމީހުންނަށް ފެނުނު ހުވަފެނެއްގެ މައްޗަށް ބިނާކޮށްވެސް ތުހުމަތު ކުރެއެވެ.
"އަހަރެން މުޖުތަމަޢުގައި ދިރިއުޅުމަށް އޭނާ ދެކޮޅުހަދާތީ، އަހަރެންގެ މައްޗަށް ތުހުމަތު އުފުލީ،" މިހެން ބުނެފައިވަނީ ޏާނީ ކޭމްޕުގައި ދިރިއުޅޭ ފޯޒާ އެވެ. "އަހަރެންގެ ދަރިންކުރެ އެއްވެސް ކުއްޖަކު ހަގު އުމުރުގައި ކައިވެނިކުރުމަށް އިންކާރުކުރުމުގެ ސަބަބުން، އެއް ދުވަހަކު މުޖުތަމަޢުގެ ކުއްޖަކު ބަލިވުމުން، އެކަމުގެ ޒިންމާ އަހަރެންގެ މައްޗަށް އެޅުވީ،" މިފަދައިން ހާމަކުރެއްވީ ކުކޫ ކޭމްޕުގައި ދިރިއުޅޭ ފާތިމާ އެވެ.
ގާނާގެ އުތުރު ސަރަހައްދުގައި ހުރި، ދީނީ އިލްމުވެރިންގެ ބެލުމުގެ ދަށުގައިވާ ކޭމްޕްތަކަކީ، ސިހުރު ހެދުމުގެ ތުހުމަތުގައިވާ އަންހެނުންނަށް އެހެން ރައްކާތެރި ތަނެއް ނެތުމުން، ސަތޭކަ އަހަރަށްވުރެ ގިނަ ދުވަހު ދެމިގެން އައިސްފައިވާ ތަންތަނެވެ. މި ކޭމްޕްތަކުން ބޯހިޔާވަހިކަން ލިބުނު ނަމަވެސް، އެތަންތަނުގެެ ދިރިއުޅުމުގެ ހާލަތު އެކަށީގެންވާ މިންވަރަކަށް ރަނގަޅެއް ނޫނެވެ.
ކުކޫ ކޭމްޕުގައި ދިރިއުޅޭ، އުމުރުން 80 އަހަރުގެ އަންހެނެއް ކަމަށްވާ އަލިމާތާ ވިދާޅުވި ގޮތުގައި، އޭނާގެ އަމިއްލަ ކޮޓަރިއެއްހުރި ނަމަވެސް، އެަތަނުގެ ފުރާޅު ވަނީ މަރާމާތުކުރަން ޖެހިފައެވެ. ވާރޭވެހޭ އިރު ފުރާޅުން ފެން ފައިބައެވެ. އަދި އޭނާގެ ރަށުން ފިލައިގެން އައި ފަހުން، އަމިއްލައަށް ދިރިއުޅެން ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ގޭގައި ހުރި ގިނަ ކަންކަން މިހާރު ހަނދާންވޭ. އަހަރެންނަށް ހުރިހާ އެއްޗެއް ލިބިފައި ހުއްޓަސް މިހާރު، މީހަކު ކާންދިނީމާ ނޫނީ އަހަރެން ކާނީ ކިހިނެއް؟" އޭނާ ކިޔައިދިނެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނާގެ ސަރުކާރުން މި ކޭމްޕްތަކުގައި ކާނާ، ރައްކާތެރި ބޯހިޔާވަހިކަން އަދި ސާފު ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވެއެވެ. މީގެ އިތުރުން، އެކަށީގެންވާ ސިއްޙީ ޚިދުމަތްތައް ނެތުމުގެ ސަބަބުން، ސިއްޙީ ބޮޑެތި މައްސަލަތައް ހުންނަ އަންހެނުންނަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ދިރިއުޅުމުގެ ފުރުސަތުތައް ވަރަށް މަދުވެފައި، ސިހުރު ހެދުމުގެ ތުހުމަތުގައިވާ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުގެ އެއްވެސް ޕްރޮގްރާމެއް ނެތްކަން ފާހަގަކުރެވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ވެސްޓް އެންޑް ސެންޓްރަލް އެފްރިކާގެ ވަގުތީ ރީޖަނަލް ޑިރެކްޓަރ މާސޯ ސިވިއުޑް ވިދާޅުވި ގޮތުގައި، "ކޭމްޕްތަކުގައި ތިބި މީހުންނަށް އަމިއްލައަށް ދިރިއުޅެވޭނެ ގޮތެއް ނެތުމުން، އެ މީހުން ރައްކާތެރިކޮށް އެހީތެރިވުމުގެ ޒިންމާއެއް ސަރުކާރަށް އެބައޮތް. އެހެންނަމަވެސް މިހާތަނަށް އެކަން ކުރުމުގައި ސަރުކާރުން ވަނީ ނުކުޅެދިފައި."
ޤާނޫނީ ހައްލުތަކަށް ގޮވާލުން
މި މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ސިހުރު ހެދުމުގެ ތުހުމަތުތަކާއި އެކަމާ ގުޅިގެން ކުރާ އަނިޔާތައް ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ޤާނޫނު އެކުލަވާލުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ގޮވާލައެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ގާނާގެ ކަންޓްރީ ޑިރެކްޓަރ އަދި ކޯލިޝަން އަގެއިންސްޓް ވިޗްކްރާފްޓް އެކިއުޒޭޝަންސްގެ މެންބަރު، ޖެނެވީވް ޕާޓިންގޓަން ވިދާޅުވީ، "ސިހުރު ހެދުމުގެ ތުހުމަތުތަކާއި އަނިޔާތައް ހިމެނޭގޮތަށް ޚާއްސަ ޤާނޫނެއް ފާސްކޮށް، ޤާނޫނުގެ ދަށުން ގިނަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. މިކަމުގެ އަަޑީގައިވާ މައްސަލަތަކަށް ހައްލު ހޯދުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ."
މައުލޫމާތުތަކުގެ ތަފްސީލު
މި ރިޕޯޓް އެކުލަވާލާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށެވެ. މި ދިރާސާގައި ސިހުރު ހެދުމުގެ ތުހުމަތުގައި ހަތަރު ކޭމްޕެއްގައި ދިރިއުޅޭ 93 މީހުންނާ ބައްދަލުކޮށް އިންޓަވިއު ކުރެވުނެވެ. އޭގެތެރެއިން 82 މީހުންނަކީ އުމުރުން 50 އަހަރާއި 90 އަހަރާ ދެމެދުގެ އަންހެނުންނެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ކެމްޕޭނުގެ ދަށުން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ގާނާގެ އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑަރ، ކުޑަކުދިންނާއި އިޖްތިމާއީ ރައްކާތެރިކަމާ ބެހޭ ވުޒާރާއާއެކު މަޝްވަރާތައް ބޭއްވުނެވެ. މި މަޝްވަރާތަކުގައި ސިހުރު ހެދުމުގެ ތުހުމަތުތައް ޤާނޫނީ ކުށެއްގެ ގޮތުގައި ހެދުމަށްޓަކައި ޕްރައިވެޓް މެންބަރުންގެ ބިލެއް އަލުން ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ޝައުޤުވެރިކަން ފާޅުކުރެވުނެވެ. އަދި މި ބިލް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އަލުން ހުށަހެޅިފައެވެ.
1/2
— Amnesty West & Central Africa (@AmnestyWARO) October 1, 2025
In Ghana, the vast majority of victims of witchcraft accusations and their devastating effects are older women.
There is still no law criminalizing such accusations in Ghana.
International Day of Older Personshttps://t.co/C9fpIQI0Wj
މި ރިޕޯޓުގެ ވަގުތީ ހޯދުންތައް 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ގާނާގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރެވުނެވެ. ނަމަވެސް، ރިޕޯޓް ނިންމާލިއިރު އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.