ދުނިޔެ

އަފްޣާނިސްތާން ދުނިޔެއާ ވަކިވެ، އިންޓަނެޓް ކަނޑާލާ ، ދަތުރުފަތުރާއި ، މުވާސަލާތީ އަދި މާލީ ނިޒާމު ހުއްޓުވާލައިފި

އަފްޣާނިސްތާން ދުނިޔެއާ ވަކިވެ، އިންޓަނެޓް ކަނޑާލާ ، ދަތުރުފަތުރާއި ، މުވާސަލާތީ އަދި މާލީ ނިޒާމު ހުއްޓުވާލައިފި

އަފްޣާނިސްތާނުގެ އަވަށެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 އޮކްޓޯބަރު 2025، 11:46

01 އޮކްޓޯބަރު 2025، 11:46

އަފްޣާނިސްތާނުގެ ޠާލިބާން ވެރިކަމުން، މުޅި ގައުމުގެ އިންޓަނެޓާއި މުވާސަލާތީ ހިދުމަތްތައް އަންގާރަ ދުވަހު ބަންދުކޮށްލުމާ ގުޅިގެން، ކާބުލް ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ހުރިހާ ދަތުރުތަކެއް ހުއްޓި، ގައުމުގެ މާލީ ނިޒާމު ހީނަރުވެ، ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިއްޖެ އެވެ. މިކަމުގެ ސަބަބުން އަފްޣާނިސްތާން ވަނީ ދުނިޔޭގެ އެހެން ގައުމުތަކުން އެކަހެރިވެފަ އެވެ.

މި ހިދުމަތްތައް ހުއްޓާލުމާ ގުޅިގެން، އދ. އިން ވަނީ ޠާލިބާންގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި، އިންސާނީ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ވަނީ ފާޅުކޮށްފަ އެވެ. އަފްޣާނިސްތާނަށް އެހީތެރިވުމުގެ އދ. މިޝަން (ޔުނާމާ) އިން ނެރުނު ބަޔާނެއްގައި ވަނީ، މުވާސަލާތީ ގުޅުންތައް ވަގުތުން އިޔާދަކުރުމަށް ޠާލިބާން ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ. އޭގެ ސަބަބުން، އިގްތިސާދީ ކާރިސާ އިތުރަށް ބޮޑުވެ،  އަފްޣާން ރައްޔިތުންނަށް ދިމާވާ ދަތިކަން އިތުރުވާނެ ކަމަށް ޔުނާމާއިން ބުނެ އެވެ.

ޔުނާމާއިން ބުނީ، "އިންޓަނެޓާއި މުވާސަލާތީ ހިދުމަތްތަކަކީ އަސާސީ ބޭނުންތައް ފުއްދައިދޭ ވަސީލަތްތަކެއް. އެއީ ހުއްޓުމަކަށް އައުމަކީ އޮންލައިން ވިޔަފާރިތަކާއި، ބޭންކިން ނިޒާމާއި، ފައިސާ ބަދަލުކުރުމުގެ ހިދުމަތްތައް ހުއްޓައި، އަފްޣާނިސްތާންގެ މުޖުތަމައު އިތުރަށް އެކަހެރިވެގެންދާނެ ކަމެއް." މިކަން ހިމެނެނީ އިންސާނީ ހައްގުތައް ނަގަހައްގު ކުރުމެއްގެ ގޮތުގައި ވެސް ޔުނާމާއިން ފާހަގަކުރި އެވެ. ހާއްސަކޮށް، ޠާލިބާންގެ ވެރިކަމުގެ ދަށުން މިހާރުވެސް ދިރިއުޅުމުގެ ކަންކަމުގައި ދަތިކަމާ ކުރިމަތިލާންޖެހިފައިވާ އަންހެނުންނާއި އަންހެންކުދިންނަށް މިކަމުގެ އަސަރު އިތުރަށް ކުރާނެ ކަމަށް ވެސް ޔުނާމާއިން ބުނެ އެވެ.

މުވާސަލާތީ ހިދުމަތްތައް ކެނޑުމާ ގުޅިގެން، ވައިގެ ދަތުރުފަތުރު ބަލަހައްޓައި، ދަތުރުވެރިންގެ ސަލާމަތް ކަށަވަރު ކުރުމަށް އުނދަގޫވުމާ އެކު، ކާބުލް ވައިގެ ބަނދަރުން ވިޔަފާރި ދަތުރުތަކެއް ނުކުރެވޭނެ ކަމަށް އެތަނުގެ އޮފިޝަލުން ޔަގީންކަން ދިނެވެ. "ހިދުމަތްތައް އަލުން ފެށެންދެން، ދަތުރުތައް ހުއްޓާލުމަށް މެނުވީ އެހެން ގޮތެއް ނެތް،" ކަމާބެހޭ އޮފިޝަލަކު ހާލީ މީޑިއާއަށް މައުލޫމާތު ދިނެވެ.

މާލީ ދާއިރާ ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ބޭންކު އޮފިޝަލުން ބުނީ، އޮންލައިން މުޢާމަލާތްތަކާއި ފައިސާ ބަދަލުކުރުން ހުއްޓިފައިވާ ކަމަށާއި، ނެޓްވޯކް މައްސަލަތަކުގެ ސަބަބުން ފައިސާ ނެގުން ފަދަ ކަންކަންވެސް ނުކުރެވޭނެ ކަމަށެވެ. މީގެ ކުރިން ވެސް ދަތި ހާލުގައި ހުރި ޕޯސްޓް އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މިކަން ފެށިފައިވަނީ ހޯމަ ދުވަހުގެ ރޭ، ޠާލިބާން ކަމާބެހޭ ފަރާތްތަކުން ފައިބަރު އޮޕްޓިކް ނެޓްވޯކްތައް ކަނޑާލުމަށް އަންގާ، މުޅި ގައުމުގައި މޯބައިލް ފޯނުގެ ކަވަރޭޖާއި އިންޓަނެޓް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުންނެވެ. ދުނިޔޭގެ އިންޓަނެޓް ކަނެކްޓިވިޓީ ބަލަހައްޓާ ނެޓްބްލޮކްސް އިން ބުނީ، މި ހުއްޓުމަކީ، "ގަސްތުގައި ރޭވިގެން ކުރި ހުއްޓުވުމެއް" ކަމަށާއި، އެއީ ހަމައެކަނި ފަންނީ މައްސަލައެއް ނޫން ކަމަށެވެ.

"މި ނިންމުމުގެ ސަބަބުން، މުވާސަލާތާއި މާލީ ވަސީލަތްތަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅެއްގައި އަފްޣާނިސްތާން ވަނީ ދުނިޔެއާ އެކަހެރިވެފައި،" މި ޖަމާއަތުން ނެރުނު ރިވިއުއެއްގައި ބުނެފައިވެ އެވެ.

މާހިރުން ބުނާ ގޮތުގައި، މި ހުއްޓުމުގެ ސަބަބުން މިހާރުވެސް ނާޒުކު ހާލަތެއްގައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވެދާނެ އެވެ. އަފްޣާނިސްތާން ބޮޑަށް ބަރޯސާވެފައިވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށެވެ. އޭގެ ތެރެއިން ގިނަ އެހީތައް ބަހާލައި، ބަލަހައްޓަނީ ޑިޖިޓަލް ނިޒާމްތައް ބޭނުންކޮށްގެންނެވެ.

ރައްޔިތުން ވަނީ މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެގޮތުން، ކާބުލްގެ ފިހާރައެއްގެ ވެރިޔަކު ރޮއިޓާސް އަށް ބުނީ، "އަޅުގަނޑުމެންނަކަށް ފައިސާއެއް ނުނެގޭ. ގައުމުން ބޭރުގައި ތިބި ގާތްތިމާގެ މީހުންނަށް ގުޅައެއް ނުލެވޭ. އަދި ބިލުދެއްކުން ފަދަ އާދައިގެ ކަންކަން ވެސް ވަނީ ހުއްޓިފައި."

ޠާލިބާން ވެރިކަމުން މިކަމާ ގުޅިގެން ރަސްމީ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ. ނަމަވެސް، ޑިޕްލޮމެޓުން ލަފާކުރަނީ، މިއީ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވެ، ނުތަނަވަސްކަން އާއްމުވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

މި ވަގުތަށް އަފްޣާނިސްތާން ވަނީ ނުތަނަވަސްކަމެއްގެ ތެރޭގައި އެކަހެރިވެފަ އެވެ: ބައިނަލްއަޤްވާމީ މުވާސަލާތީ ނެޓްވޯކްތަކުން ކެނޑި، މާލީ ނިޒާމު ހުއްޓި، އަނެއްކާވެސް އިންސާނީ ކާރިސާއެއްގެ މަރުކަޒުގައި އެ ގައުމުގެ ރައްޔިތުން ވަނީ ތާށިވެފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން