ދުނިޔެ

އިންޑޮނޭޝިޔާގައި ވެއްޓުނު މަދަރުސާގެ އިމާރަތުގެ ދަށުގައި 91 މީހަކު ތާށިވެފައި

އިންޑޮނޭޝިޔާގައި ވެއްޓުނު މަދަރުސާގެ އިމާރަތުގެ ދަށުގައި 91 މީހަކު ތާށިވެފައި

އިންޑޮނޭޝިޔާގައި ވެއްޓުނު މަދަރުސާގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 11:35

01 އޮކްޓޯބަރު 2025، 11:35

އިންޑޮނޭޝިޔާގެ އިސްޓް ޖާވާގައި ހުންނަ އަލް ކޮޒިނީ އިސްލާމިކް ބޯޑިންގ ސްކޫލްގެ އިމާރާތް ވެއްޓި ހާދިސާގައި 91 މީހަކު އަދިވެސް ވަނީ އިމާރާތުގެ ތެރޭގައި ތާށިވެފައިކަމަށް އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ބީއެންޕީބީ) އިން މައުލޫމާތު ދީފިއެވެ.

އެ އޮތޯރިޓީން ބުނީ ތާށިވެފައިވާ މީހުންގެ ތެރެއިން މަދުވެގެން 6 މީހުން ދިރި ތިބިކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި މި މީހުންނަށް ކާނާއާއި ފެން ފޯރުކޮށްދެވިފައިވާ ކަމަށާއި، ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ އަތުން ކޮނެގެން ކަމަށެވެ. އެއީ ބޮޑެތި މެޝިނަރީ ބޭނުންކޮށްފިނަމަ އިތުރަށް އިމާރާތް ވެއްޓުމުގެ ބިރު އޮތުމުންނެވެ.

މި ހާދިސާގައި މިހާތަނަށް 3 މީހުން ވަނީ މަރުވެފައެވެ. އަދި 100 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ވަނީ އެކި ވަރުވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާވި މީހުންގެ ތެރެއިން 70 މީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި 26 މީހުން އަދިވެސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ މެންދުރުފަހު، ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ނަމާދުކުރަން ތިއްބާއެވެ. ސަލާމަތްކުރުމުގެ މަސައްކަތުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މީގެ ތެރޭގައި ބީއެންޕީބީގެ އިތުރުން، ސިފައިންނާއި ފުލުހުން ހިމެނެއެވެ.

އޮތޯރިޓީތަކުން ބުނާ ގޮތުގައި މި ހާދިސާ ދިމާވީ އިމާރާތުގެ މަތީ ބުރީގައި ހުއްދަ ނެތި ކުރަމުންދިޔަ އިމާރާތްކުރުމުގެ މަސައްކަތެއްގެ ސަބަބުން އިމާރާތުގެ ތަނބުތައް ވެއްޓުމުންނެވެ. އަދި ދިރި ތިބި މީހުން ސަލާމަތްކުރުމަށްފަހު، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ބޮޑެތި މެޝިނަރީ ބޭނުންކުރެވޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން