ދުނިޔެ
ޔުނިސެފުން ޣައްޒާ ސިޓީގެ ހޮސްޕިޓަލްތަކުގެ އިންކިއުބޭޓަރުގައި ތިބި 25 ކުދިން ސަލާމަތްކުރުމަށް ގޮވާލައިފި

ޣައްޒާގެ ހޮސްޕިޓަލެއްގެ އިންކިއުބޭޓަރެއްގައި އެޑްމިޓްކޮށްފައި އޮތް ކުއްޖެއް ކައިރީގައި ޑޮކްޓަރެއް ހުއްޓިލައިގެން
ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ޣައްޒާ ސިޓީގެ ހޮސްޕިޓަލްތަކުގެ އިންކިއުބޭޓަރުގައި ތިބި 25 ކުދިން ވަގުތުން ސަލާމަތްކުރުމަށް ގޮވާލައިފިއެވެ.
މިގޮތަށް ގޮވާލާފައިވަނީ އިސްރާއީލީ ހަނގުރާމަވެރިން އަލްހިލޫ ހޮސްޕިޓަލަށް ހަމަލާދިނުމާ ގުޅިގެންނެވެ. މި ހޮސްޕިޓަލުގައި 12 ކުއްޖަކު އިންކިއުބޭޓަރުގައި އެޑްމިޓްކޮށްފައި އެބަތިއްބެވެ.
ފަލަސްތީނުގެ ސިއްހީ އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލްގެ ޓޭންކުތައް ވަނީ އަލް-ހިލޫ ހޮސްޕިޓަލް ވަށައިގެން އަތުރާލާފައެވެ. ޔުނިސެފްގެ ތަރުޖަމާނު ރިކާޑޯ ޕެރެސް ރޮއިޓަރސްއަށް ވިދާޅުވި ގޮތުގައި މި ކުދިން ވަގުތުން އެހެން ތަނަކަށް ބަދަލުކުރަން ޖެހިފައިވާކަމަށެވެ.. ނަމަވެސް މި ކުދިން ގެންދާނެ ރައްކާތެރި ތަނެއް ނެތުމުން އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
ޕެރެސް ވިދާޅުވި ގޮތުގައި މި ކުދިން އެހެން ތަނަކަށް ބަދަލުކުރުމަކީ ނުރައްކާތެރި ކަމެކެވެ. އެއީ ގިނަ ކުދިންނަކީ އަލަށް އުފަން ކުދިން ކަމަށްވެފައި، އެ ކުދިން ބަދަލުކުރަން ޖެހޭނީ އާދައިގެ ވެހިކަލްތަކުގައި ކަމބަލުގައި ބަނދެގެން، އޮކްސިޖަން އަދި އެހެނިހެން ބޭނުންތެރި ތަކެއްޗާއެކުގައެވެ. މިކަމުގެ ސަބަބުން އިންފެކްޝަން ޖެހުމާއި، ފިނިހޫނުމިން ބަދަލުވުމާއި، ދަތުރުމަތީގައި ބޭނުންވާ ތަކެތި ހުސްވުމުގެ ނުރައްކާ އެބައޮތެވެ.
ޣައްޒާގެ ގިނަ ހޮސްޕިޓަލްތަކަށް ގެއްލުން ލިބި، އާންމުންނާއި ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ އަދަދު އިތުރުވެ، މެޑިކަލް ސަޕްލައިސް މަދުވެފައިވާ ހާލަތެއްގައި މި ކުދިން ގެންދާނެ ތަނެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ޕެރެސް ވިދާޅުވި ގޮތުގައި ޣައްޒާގައި ތިބި ކުދިންގެ އަދަދު އިންކިއުބޭޓަރުގެ އަދަދަށްވުރެ ގިނައެވެ. އަދި ބައެއް ކުދިން އެއް އިންކިއުބޭޓަރު ހިއްސާކުރަމުންދާ ކަމަށާއި، އިތުރު އިންކިއުބޭޓަރު ވެއްދުމަށް އިސްރާއީލުން ހުއްދަ ނުދޭ ކަމަށް ވިދާޅުވިއެވެ.
އިސްރާއީލުގެ ހަމަލާތައް އިތުރުވުމާއެކު، އުތުރު ޣައްޒާގައި ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެ، ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވާ މީހުންގެ އަދަދު އިތުރުވަމުންދެއެވެ. އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން 2023 އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި ހިންގަމުންދާ ހަމަލާތަކުގައި މިހާތަނަށް 66,055 މީހުން ޝަހީދުވެ، 168,346 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ބަނޑުހައިހޫނުކަމުގެ ސަބަބުން 442 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 147 ކުޑަކުދިން ހިމެނެއެވެ.