ދުނިޔެ

އިންޑޮނޭޝިއާގެ އިސްލާމީ މަދަރުސާއެއް ވެއްޓި އެއް ކުއްޖަކު މަރުވެ، 38 ކުދިން ގެއްލިއްޖެ

އިންޑޮނޭޝިއާގެ އިސްލާމީ މަދަރުސާއެއް ވެއްޓި އެއް ކުއްޖަކު މަރުވެ، 38 ކުދިން ގެއްލިއްޖެ

ވެއްޓުނު އިމާރާތުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ސެޕްޓެމްބަރު 2025، 01:45

30 ސެޕްޓެމްބަރު 2025، 01:45

އިންޑޮނޭޝިއާގެ އީސްޓް ޖާވާ ޕްރޮވިންސްގައި ހުރި އިސްލާމީ މަދަރުސާއެއް ވެއްޓި، އެއް ކުއްޖަކު މަރުވެ، 38 ކުދިން ވަނީ ގެއްލިފައިކަމަށް އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފިއެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް އެޖެންސީ ފޯ ޑިޒާސްޓަރ މެނޭޖްމަންޓުން ބުނީ، އަލް-ހޯޒިނީ އިސްލާމީ މަދަރުސާގެ އިމާރާތް ވެއްޓުނު ހާދިސާގައި 11 ކުދިން ސަލާމަތްކުރެވި، 91 ކުދިން އަމިއްލައަށް ސަލާމަތްވެފައިވާ ކަމަށެވެ. އަދި 77 ކުދިން ވަނީ އެކި ހޮސްޕިޓަލްތަކަށް ފަރުވާއަށް ގެންދެވިފައެވެ.

މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ހާއިރު، ކުދިން އަސުރު ނަމާދަށް އެއްވަމުންދަނިކޮށެވެ. އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އިމާރާތުގެ ބިންގާ ވެއްޓި، ގިނަ އަދަދެއްގެ ކުދިން ވަނީ ވެއްޓުނު ކޮންކްރިޓް ގަނޑުގެ ދަށުވެފައެވެ.

 އިމާރާތް ވެއްޓުނު ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި އިތުރު ކުދިން ސަލާމަތްކުރުމަށް ބޭނުންވާ މަގުތައް ހޯދުމާއި، ބާކީ ހުރި އިމާރާތުގެ ބައިތައް ވެއްޓިދާނެ ކަމުގެ ނުރައްކާ ވަޒަންކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

މިއީ އިންޑޮނޭޝިއާގައި އެއްމަސް ތެރޭގައި އިމާރާތެއް ވެއްޓުނު ދެވަނަ ހާދިސާއެވެ. މީގެ ކުރިން، ސެޕްޓެމްބަރ 3 ވަނަ ދުވަހު، ވެސްޓް ޖާވާގެ ބޯގޯ ޑިސްޓްރިކްޓްގައި ޤުރުއާން ކިޔެވުމުގެ ޕްރޮގްރާމެއް ކުރިއަށްދަނިކޮށް، ކޮމިއުނިޓީ ހޯލެއް ވެއްޓި، މަދުވެގެން 3 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން