ރިޕޯޓް

ރައީސްގެ ދަތުރުފުޅުން މީމަށް ގެނެސްދެއްވީ ތަރައްޤީގެ ފަހި އުންމީދުތައް

ރައީސްގެ ދަތުރުފުޅުން މީމަށް ގެނެސްދެއްވީ ތަރައްޤީގެ ފަހި އުންމީދުތައް

ރައީސް މީމު އަތޮޅުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ސެޕްޓެމްބަރު 2025، 05:24

28 ސެޕްޓެމްބަރު 2025، 05:24

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހަތަރު އަތޮޅެއްގެ ރަށްރަށަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން މ.އަތޮޅަށް ވަޑައިގެން އެއަތޮޅުގެ ތަރައްޤީއާއި ތަމައްދުނަށް ބޭނުުންވާ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވާ ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުން ތަކެއްގައި ވަނީ ސޮއިކުރެވިފައެވެ.

 މ.ވޭވަށަށް ވަޑައިގެންނެވުން

މީމަށް ކުރެއްވެވި ޒިޔާރަތުގެ ތެރެއިން އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ އެއަތޮޅު ވޭވަށަށެވެ.

ރައީސް ވޭވަށަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ވޭވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުންތަކުގައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ވޭވަށުގައި ދެ މުހިންމު މަޝްރޫޢެއްގެ ބިންގާ އަޅައިފައިވެއެވެ. އެގޮތުން އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައިވެއެވެ. ހަމަމިއާއެކު ރައީސް ޑރ މުޢިއްޒު ވޭވަށަށް ވަޑައިގެން އެރަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ހުޅުވައިދެއްވައިފައިވެއެވެ. 

 

ރައީސްގެ ދަތުރުފުޅުން މީމަށް ގެނެސްދެއްވީ ތަރައްޤީގެ ފަހި އުންމީދުތައް

ރައީސް މުޢިއްޒު މީމުގައި

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، ދާއިރާގެ މެންބަރު އަދި އެރަށުގެ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އިމާރާތަކީ ސަރުކާރުން ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އިމާރާތްކުރެވުނު ތަނެކެވެ.

ވޭވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި އެކު ބައްދަލުވުމެއްވެސް ބާއްވަވައިފައިވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި، ރަށުގެ ކައުންސިލުން ދުބާއީގެ ކުންފުންޏަކާއެކު ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިންޓަރގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުގެ މަސައްކަތް މަޑުޖެހިފައިވާ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 320 ކޮޓަރީގެ ތެރެއިން 85 ކޮޓަރި ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ވަނީ ރޭވިފައެވެ.

ރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ރައްޔިތުން އެދުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވުމަށާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވޮލީ ކޯޓެއް ހިމަނުއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ފެނާއި ނަރުދަމާގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމަވައި ޚިދުމަތް ފައްޓަވައިދެއްވުމަށާއި، ސްކޫލުގެ މަސައްކަތް ފެނަކައާ ހަވާލުކުރައްވައި އަންނަ ދިރާސީ އަހަރަށް ނިންމަވައިދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޢުދުވެވަޑައިގެންފައެވެ.

މ.މުލަކަށް ވަޑައިގަތުން 

ރައީސް ޑރ މުޢިއްޒު މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެވަނައަށް ވަޑައިގެންނެވީ އެއަތޮޅު މުލަކަށެވެ. 

މި ދަތުރުފުޅުގައި މުލަކު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވައިފައިވެއެވެ. 

މިބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މުލަކަތޮޅުގައި އެސްޓީއޯ ރޭޓުން މަސްވެރިންނަށް ތެޔޮ ލިބޭނެ ފިޔުލް ސްކިޑްގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށޭނެކަމަށެވެ. މި މަޝްރޫޢުގެ ޕްރިފެބްރިކޭޝަން މަސައްކަތް ނިމި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެއެވެ.


މުލަކަކީ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު ރަށަކަށްވުމާއެކު، އެރަށުގައި އައިސް ޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވި، ކޯލްޑް ސްޓޯރެޖެއް ގާއިމުކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށޭނެއެވެ. 

މުލަކުގައި މި އަހަރުގެތެރޭގައި 50 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށާއި، އޭގެއިތުރުންވެސް ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ހިންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ މިދަތުރުފުޅުގައި މުލަކުގައި މުހިންމު ތިން މަޝްރޫޢެއް ފައްޓަވައިދެއްވައިފައިވެއެވެ. އެއީ ބަނދަރު ބޮޑުކޮށް ނެރު ޤާއިމުކުރުމުގެ މަޝްރޫޢާއި، އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، ސިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މުވައްޒަފުން ހަމަކޮށް ޚިދުމަތް ރަނގަޅުކުރުމުގެ މަޝްރޫޢެވެ.

މ.ދިއްގަރަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ މ. ދިއްގަރަށް ވަޑައިގަތުމުން، ރަށުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވިއެވެ.

މި ދަތުރުފުޅުގައި ރައީސް، ދިއްގަރު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.


އަދި މި ދަތުރުފުޅުގެ ތެރޭގައި، ރައީސް ޑރ މުޢިއްޒު ދިއްގަރުގެ ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން އިފްތިތާޙްކޮށްދެއްވައިފައިވެއެވެ.

ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ރައީސް މުޢިއްޒު ވަނީ ބައްދަލުކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ދިއްގަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 75 ހައުސިންގ ޔުނިޓްގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، އިތުރު 75 ޔުނިޓް އިމާރާތްކުރުމަށް ނިންމަވާފައިވާކަމަށް މުޢިއްޒު ވަނީ އިޢުލާނުކުރައްވާފައެވެ. މިއީ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތަށްވެސް މަގުފަހިވެގެންދާނެ ކަމެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ސިއްޙީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވާއިރު، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް 9 ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލެއް ހިމެނޭ އިމާރާތެއް އަޅުއްވައިދެއްވުމަށް ވަނީ ނިންމަވާފައެވެ.

އިތުރު ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރުގެ ޖާގަ އިތުރުކުރުމާއި ހަލާކުވެފައިވާ ބައިތައް އައުކުރުން، ފުޓްބޯޅަ ދަނޑާއި، ފިޓްނަސް އެންޑް ރެކްރިއޭޝަނަލް ސެންޓަރު އަދި ވޮލީކޯޓުގެ މަސައްކަތް ހިމެނެއެވެ. އަދި މަސްވެރިންނަށް ހެޔޮ އަގުގައި ތެލާއި އައިސް ފޯރުކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މ.މަޑުއްވަރިއަށް ވަޑައިގަތުން 

ރައީސުލްޖުމްހޫރިއްޔާ މ. މަޑުއްވަރީއަށް ވަޑައިގަތުމުން ރަށުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދުގައި މަރުހަބާ ދެންނެވުމަށް ޖަމާވެފައިވެއެވެ. 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މަޑުއްވަރީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.

ރައީސް މުޢިއްޒުވަނީ މަޑުއްވަރިއަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވަ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އިފްތިތާޙީ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. 

މަޑުއްވަރިއަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ރަށުގެ ބަނދަރުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ޖެނުއަރީ މަހު އައު ބަނދަރުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން، ރަށުގައި ހުއްޓިފައިވާ ކުޅިވަރު ވަސީލަތްތަކުގެ މަސައްކަތް އަލުން ފަށްޓަވައި، ޓާފް އަޅައިގެން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވުމާއި، ޞިއްޙި މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތްވެސް އަވަސްކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކައުންސިލްގެ ރައީސް މުހައްމަދު އާޒިމް ވަނީ ރަނގަޅު ބަނދަރެއް ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ފާހަގަކުރައްވައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، 10 ހެކްޓަރުގެ ކުޑަ ރަށް ބޮޑުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި ރައްޔިތުން ވަނީ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ސްކޫލް އޭސީ ޕްރޮޖެކްޓް އަވަސްކުރުމަށް އެދިފައެވެ.

މ.ރަތްމަންދޫއަށް ވަޑައިގެންނެވުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު، ރަތްމަންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންނާއި ރަށުގެ އިސްވެރިންވަނީ ބަނދަރު ސަރަޙައްދުން އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފައެވެ.

ރަތްމަންދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

ރައީސް ޑރ. މުޢިއްޒު މ. ރަތްމަންދޫ ރައްޔިތުންނާއި ވަޑައިިގެން ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވެފައިިވަނީ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން ނިންމައިފިނަމަ، އެކަން އެއް އަހަރު ތެރޭގައި ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މި ބަދަލުވުން ކުރިއަށް ގެންދެވޭނީ ރަށުގެ އާބާދީގެ 80 ޕަސެންޓްގެ ރުހުން ލިބިގެންކަމަށާއި، ބަދަލުވާ ކޮންމެ ގެއަކަށް 3 ކޮޓަރީގެ ގެއެއް އަޅައިދެއްވުމަށާއި، މިހާރު ދެއްވާ 50,000 ރުފިޔާގެ އެހީގެ އަދަދު އިތުރުކޮށްދެއްވުމަށް ރައީސް ވަޢުދުވެވަޑައިގެންފައިވެއެވެ. އަދި މާލެ ކައިރި ސަރަޙައްދުތަކުން، ތުލުސްދޫ ފަދަ ރަށްތަކަށް ބަދަލުވުމުގެ ފުރުޞަތުވެސް ހުޅުވާލައްވާނެކަމަށް ވިދާޅުވިއެވެ.


ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާޢީލް ނާހިދު ވިދާޅުވެފައިވަނީ ރަށުގައި ހިޖުރަކުރަން ބޭނުންވާ އާއިލާތަކާއި ރަށުގައި ތިބެން ބޭނުންވާ އާއިލާތައްވެސް ތިބިކަމަށެވެ. މިހާރު ރަށުގެ އާބާދީއަކީ 240 ނަމަވެސް ރަށުގައި ދިރިއުޅެނީ 80 ވަރަކަށް މީހުންނެވެ. އަދި ރައްޔިތުންގެ 34 ޕަސެންޓަށް އަމިއްލަ ބޯހިޔާވަހިކަމެއް ނެތްކަން ފާހަގަކުރެވިފައިވެއެވެ.

މ.ނާލާފުށްޓަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ މ. ނާލާފުށްޓަށް ވަޑައިގަތުމުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ. މި ދަތުރުފުޅުގައި ނާލާފުށީ ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ސްކޫލްގެ އިސްވެރިންނާއި ރައްޔިތުންނާ ރައީސް މުޢިއްޒު ވަނީ ބައްދަލުކުރައްވައިފައެވެ.

މިބައްދަލުކުރެއްވުމުގައި ނާލާފުށީގައި ފުޓްސަލް އަދި ހޭންޑްބޯޅަ ކުޅެވޭނެ ދަނޑެއް މިއަހަރު ތެރޭގައި އަޅަން ފަށާނެކަމަށް އިޢުލާނު ކުރައްވައިފިއެވެ. މި ދަނޑު ތަރައްޤީ ކުރެވޭނީ ރޮސްޓްރަމްއާއެކު، ރޭގަނޑު ވެސް ކުޅެވޭގޮތަށް ލައިޓް ހަރުކޮށްގެންނެވެ.

ރަށުގެ ބިމުގެ ދަތިކަން ހައްލުކުރުމަށް، މިހާރު ހުރި 12 ހެކްޓަރުގެ އިތުރުން 15 ހެކްޓަރު ބިން ހިއްކުމަށް ވަނީ ނިންމަވާފައެވެ. އަދި މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާގެ މަޝްރޫޢު، ފުލުހުންގެ އިމާރާތް، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ސްކޫލް އިމާރާތުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ވަނީ ރޭވިފައެވެ. އަދި ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ފެށި، 4 އެނދުގެ އިމަރޖެންސީ ރޫމަކާއި ލެބޯޓްރީ ޤާއިމްކުރެވޭނެއެވެ.

ރަށުގެ ކުނި މެނޭޖްކުރާ ފެސިލިޓީގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފެށޭނެކަމަށް ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ. މި ހުރިހާ މަޝްރޫޢުތަކެއް ނިމުމުން އެކަން ފާހަގަކުރުމަށް ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.


ނާލާފުށްޓަށް ވަޑައިގެން ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި އެރަށުގައި ޢުމްރާނީ ތަރައްޤީގެ ތިން މަޝްރޫޢެއް ފައްޓަވައިދެއްވައިފައެވެ. އެގޮތުން ފުލުހުންގެ މަރުކަޒު، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅައިފައިވެއެވެ. 

މީގެއިތުރުން ރައީސް ޑރ. މުޢިއްޒުގެ މ. އަތޮޅު ދަތުރުފުޅުގެ ތެރެއިން، ނާލާފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 15.48 ހެކްޓަރުގެ ބިން ހިއްކައި، 993 މީޓަރުގެ ބަޔޮސްވޭލް އަދި އެހެނިހެން މަސައްކަތްތައް ހިމެނޭ 172.79 މިލިއަން ރުފިޔާގެ މި މަޝްރޫޢު 720 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ. މި މަޝްރޫޢު ނިމުމުން 546 މީހުންގެ އާބާދީ އޮންނަ ނާލާފުށީގެ ބިމުގެ ދަތިކަމަށް ޙައްލު ލިބި، ގޯތި ދޫކުރުމަށާއި ސިނާޢީ މަސައްކަތްތަކަށް އިތުރު ޖާގަ ލިބިގެންދާނެއެވެ.

ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 43,998.60 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، އެއްގަމުތޮށި، ބޭރުތޮށި އަދި އެހެނިހެން މަސައްކަތްތައް ހިމެނޭ 63.97 މިލިއަން ރުފިޔާގެ މި މަޝްރޫޢު 400 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މ.މުއްޔަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ މ. މުއްޔަށް ވަޑައިގެންނެވުމުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. 

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި މުލީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި ރައްޔިތުންގެ އެދުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވެއެވެ.

މިދަތުރުފުޅުގެ ތެރޭގައި މުލީގައި އަލަށް ހަދާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފައިވެެއެވެ.  ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އަދި ދާއިރާގެ މެންބަރާއި ކައުންސިލް ރައީސެވެ.

ހަމަމިއާއެކު މުލީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިިފައިވެއެވެ. މި މަޝްރޫޢު ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މުލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 85,029,368.76 ރުފިޔާއަށް 730 ދުވަސް ތެރޭ ނިންމުމަށެވެ.

މީގެއިތުރުން މުލީގައި ވެމްކޯގެ ޚިދުމަތްފަށަން ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ. އަދި މުލީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝަމްޢޫން ރަމީޒެވެ.

އަދިހަމަ މިދަތުރުފުޅުގެ ތެރެއިން މުލީ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ. ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 363 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 180 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 130 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، ރިވެޓްމަންޓް ބެކްފިލްކުރުމުގެ އިތުރުން ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެއެވެ. 35,719,747.20 ރުފިޔާ ރުފިޔާގެ އެ މަޝްރޫޢު 250 ދުވަސްތެރޭ ނިންމަން ޖެހެއެވެ.މުއްޔަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވި ޖަލްސާގެ ތެރެއިން މުލަކުއަތޮގައި ޕާސްޕޯޓުގެ ޚިދުމަތްވެސް ވަނީ ފަށައިފައެވެ.

މުލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓުގައި މުލީގައި ކުރިއަށް ގެންދާނެ އެންމެ މުހިންމު މަޝްރޫޢުއަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް 300 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުކަމަށެވެ. މި މަޝްރޫޢު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށާއި، ފެބްރުއަރީ މަހު 150 ޔުނިޓާއި ސެޕްޓެމްބަރު މަހު އިތުރު 150 ޔުނިޓްގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މުލީ އެއަރޕޯޓްގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ރޭގަނޑު ފްލައިޓް ޖެއްސޭނެ ގޮތަށް ލައިޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، މިއީ އެރަށާއި އަތޮޅުގެ ރައްޔިތުންނާއި ސަރަޙައްދުގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

މ.ކޮޅުފުއްޓަށް ވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާ މ. ކޮޅުފުށްޓަށް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މި ދަތުރުފުޅުގައި ރައީސް، ކޮޅުފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާމެދު މަޝްވަރާކުރައްވައިފައިވެއެވެ. އަދި ސްކޫލްގެ އިސްވެރިންނާއި ރައްޔިތުންނާވެސް ބައްދަލުކުރައްވައިފައިވެއެވެ.

މީގެއިތުރުން، ކޮޅުފުށީގެ އުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައިފައިވެއެވެ. މީގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، މަގު ހެދުމުގެ މަޝްރޫޢު ފެއްޓެވުން ހިމެނެއެވެ. 

ކޮޅުފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވައިފައެވެ. މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވެފައިވަނީ މިހާރު އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް މިއަހަރު ނިމުމުގެ ކުރިން ހަވާލުކުރައްވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 100 ހައުސިންގ ޔުނިޓް ހިމަނުއްވާނެ ކަމަށެވެ. މިހާރު އަޅާފައިވާ ޔުނިޓްތަކުގެ ކުލި 5000 ރުފިޔާއިން 3333 ރުފިޔާއަށް ކުޑަކުރައްވާފައިވާ ކަމަށާއި، އަމިއްލަ ގޯތީގައި ގެ އެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާއިރު، މަގުތައް ތާރުއެޅުމުގެ މަޝްރޫޢު ކުރިއަށްދާ ކަމަށާއި، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު ޖަނަރޭޓަރެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލްގައި ލައިބްރަރީއާއި ހެލްތް ރޫމް ޤާއިމްކުރެއްވުމާއި، ފުޓުބޯޅަ ދަނޑަކާއި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ އެދުމުގެ މަތިން، އެ ސަރަޙައްދުގައި ހުއްޓިފައިވާ ޓުއަރިޒަމް މަޝްރޫޢުތައް އަވަސްކުރެއްވުމަށާއި، ރަށުގައި ތިބެގެން މަތީ ތަޢުލީމް ހާސިލުކުރެވޭނެ ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.

ރައީސް ޑރ މުޢިއްޒުގެ ޒަޢާމަތަށް ގިނަ ދުވަސްތަކެެއް ވެފައިނުވިނަމަވެސް އެމަނިކުފާނުގެ ޒަޢާމަތުގައި ދައްކަވަމުން ގެންދަވަނީ ތަރައްޤީއާ ތަމައްދުންގެ އުސްމިންތަކަށް ވާސިލްވަމުންދާ މަންޒަރެވެ. ރައީސް މުޢިއްޒު ގެނެސް ދެއްވަމުން ގެންދަވަނީ ރައްޔިތުން އުންމީދުކޮށްގެން ތިބިފަދަ ރައްޔިތުން އެދޭ ތަރައްްޤީއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން