ކުޅިވަރު

ހެރީ ކޭންގެ ރެކޯޑާއެކު ބަޔާން މިއުނިކް 4-0 އިން މޮޅުވެ، ބުންޑެސްލީގާގެ އެއްވަނަ ހޯދައިފި

ހެރީ ކޭންގެ ރެކޯޑާއެކު ބަޔާން މިއުނިކް 4-0 އިން މޮޅުވެ، ބުންޑެސްލީގާގެ އެއްވަނަ ހޯދައިފި

ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 01:17

27 ސެޕްޓެމްބަރު 2025، 01:17

ޖަރުމަން ލީގު، ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުގައި ވާޑާ ބްރޭމަންއާ ދެކޮޅަށް ބަޔާން މިއުނިކް ނިކުމެ، ފަސޭހަ ކަމާއެކު 4-0 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ. މި މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭން ދެ ލަނޑު ޖަހައި، ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައި އެންމެ އަވަހަށް ކްލަބަކަށް 100 ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް އޭނާ ވަނީ ހަދާފައެވެ.

މި ރެކޯޑް ކޭން ހަދާފައިވަނީ ބަޔާން މިއުނިކަށް ކުޅުނު 104 މެޗުން 100 ލަނޑު ފުރިހަމަކޮށްގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ، 2011 ވަނަ އަހަރު ރެއާލް މެޑްރިޑަށް 105 މެޗުން 100 ލަނޑު ޖަހައިދިން ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން، މިދިޔަ އަހަރު މެންޗެސްޓަރ ސިޓީއަށް 105 މެޗުން 100 ލަނޑު ކާމިޔާބުކޮށްދިން އާލިން ހާލަންޑްގެ އަތުގައެވެ.

ބަޔާން މިއުނިކްގެ ހޯމް ގްރައުންޑް، އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ބޯޅަ ގިނައިރު ހިފަހައްޓައިގެން ކުޅެ، ވާޑާ ބްރޭމަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ބަޔާން މިއުނިކުން ވަނީ ފޮނުވާލާފައެވެ.

މެޗުގެ 22 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ދިން އެސިސްޓަކުން ޖޮނަތަން ޓާ ވަނީ ބަޔާން މިއުނިކަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ލަނޑު ޖަހައި، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ކޭން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ލުއިސް ޑިއާޒްގެ އެސިސްޓަކުން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. ބަޔާން މިއުނިކް މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް ކޮންރަޑް ލައިމާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

މި ނަތީޖާއާއެކު ބަޔާން މިއުނިކް ވަނީ ބުންޑެސްލީގާގައި މި ސީޒަނުގައި ކުޅުނު ފަސް މެޗުން މޮޅުވެ ޖުމްލަ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފައެވެ. ދެވަނައިގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑް އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

ހެރީ ކޭން ވަނީ މިދިޔަ ހަފްތާގައި ހޮފެންހޭމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު ބުންޑެސްލީގާގައި 67 މެޗުން 70 ލަނޑު ޖަހާފައެވެ. މިއީ ބުންޑެސްލީގާގެ ތާރީޚުގައިވެސް މިހާ މަދު މެޗަކުން 70 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން