ފަރުދުން
އިންޝާ، ކިޔެވުމުގައި ދިމާވި ފޯކަސް ކުރަން އުނދަގޫވާ މައްސަލައިން އަރައިގަނެ ރަންވަނައިން ވިދާލައިފި

ޢާއިޝަތު އިންޝާ ޢިމްރާން
ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. ކިޔަވަން މޮޅު ކުދިންނާއި ކިޔަވަން މޮޅަސް އެކަމުގައި ބައެއް ދަތިތައް ދިމާވާ ކުދިން ތިބެއެވެ.
2024 ވަނަ އަހަރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ބެސްޓް އޯލް ރައުންޑް މަޤާމު ހާސިލް ކުރި ޢާއިޝަތު އިންޝާ ޢިމްރާނަކީ ކިޔެވުމުގައި ފޯކަސް ކުރަން އުނދަގޫ ކަމެއް ދިމާވި ނަމަވެސް އެކަމުން އަރައިގަނެ ރަންވަނައެއް ހޯދައިފައިވާ ކުއްޖެކެވެ.

އިންޝާ ފަސްޓް ލޭޑީ ސާޖިދާ އާއެކު
އިންޝާ ބުނީ ކުޑައިރުއްސުރެވެސް އިތުރު ހަރަކާތްތަކުގައި އުޅެމުން ކިޔެވުމަށް ފޯކަސް ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން އެންމެ އުނދަގޫ މާއްދާއަކީ ކޮމްޕިޔުޓަރ ސައިންސް ކަމަށާއި ގްރޭޑް 10 ފެށިއިރުވެސް ކޮމްޕިޔުޓަރ ސައިންސް ވަރަށް އުނދަގޫ ކަމަށެވެ. އެކަމަށް ސަމާލުކަން ދީގެން ޖީސީ ދުވަސްވަރު ކޮމްޕިޔުޓަރ ސައިންސްގެ ސިލަބަސް ކަވަރ ކުރަން ވަރަށް އިސްކަން ދިން ކަމަށް އިންޝާ ބުނެއެވެ.
ޖީސީ ދުވަސްވަރު އަޅުގަނޑު ވަރަށް އިސްކަންދިނިން ކޮމްޕިޔުޓަރ ސައިންސްގެ ސިލަބަސް ކަވަރ ކޮށްފަ ސިލަބަސްގަހުރި ހުރިހާ ބައެއްގަވެސް އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އަތްލެވޭތޯ، ދެން އެގޮތައް އަތްލައިގެން ސްކެޑިޔުލް އެއް ހަދައިގެން އަޅުގަނޑު ކޮމްޕިޔުޓަރ ސައިންސްގަ ހުރި ދަތިތައް އޯވަރކަމްކުރީ
އިންޝާ
އިންޝާ ބުނީ ކިޔެވުމަށް ފޯކަސް ކުރަން އުނދަގޫވެ ސީދާ އެއްތަނެއްގަ ހުރުމަށް އުނދަގޫވާ އުނދަގޫވުމުން އަރައިގަތުމަށް ސްކެޑިޔުލެއްހަދައި އެއާއެއްގޮތައް މަސައްކަތްކުރެވޭތޯ ވަރަށް ބަލާކަމަށެވެ.
“ކިތަންމެ ގިނަ އިތުރުހަރަކާތްތަކެއްގަ އުޅުނަސް ކިޔެވުމަށް ކޮންމެވެސް ވަރަކަށް ފޯކަސް ކުރެވޭތޯ ބަލަން، ކޮންމެދުވަހަކުވެސް ކޮންމެވެސް ވަރެއް ކަވަރ ކޮށްގެން ނޫނީ މުޅި ސިލަބަސް ކަވަރ އެއް ނުކުރެވޭނެ، އެހެންވީމަ ކޮންމެދުވަހަކުވެސް ކޮންމެވެސް ގަޑިއެއް އަޅުގަނޑު ބަލަން ކިޔެވުމަށް އިސްކަންދެވޭތޯ” އިންޝާ ބުނެފައިވެއެވެ.
ގްރޭޑް 7 ކަށް އަޙްމަދިއްޔާ ސްކޫލަށް ވަތް އިންޝާ ބުނާގޮތުން، ކިޔެވުމުގައި ހުރިހާ މުދައްރިސުންވެސް ވަނީ ވަރަށްބޮޑަށް ހިތްވަރުދެއްވައިފައެވެ. ގްރޭޑް 7 ގައި ގިނަ މާއްދާތަކެއް ކިޔެވުމަށްފަހު ގްރެޑް 8 ގައި ސްޓްރީމް އިޚްތިޔާރު ކުރިއިރުވެސް އެކަމުގައިވެސް އެންމެބޮޑަށް އެހީތެރިވެދިނީ މުދައްރިސުން ކަމަށް އިންޝާ ބުނެއެވެ.
ކިޔެވުމުގައި ކިރިޔާވެސް އުނދަގުލެއް ވާނަމަ އަޅުގަނޑަށް އެެންމެ ފުރަތަމަވެސް އެހީގެ އަތް ދިއްކަޮށްލަނީ މުދައްރިސުން، މުދައްރިސުންގެ އެހީއާ ނުލާ އަޅުގަނޑަކަށް އަޅުގަނޑުގެ ކާމިޔާބީއެއް ނުލިބޭނެ
އިންޝާ
ކާމިޔާބީގައި އެންމެ ފުރަތަމަ ޝުކުރު އަދާކުރަން ބޭނުންވަނީ މާތް ﷲއަށް ކަމަށާއި އެއަށްފަހު އިންޝާގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތިުގައި އޭނާއަށް ހިތްވަރުދޭން ތިބި އޭނާގެ މައިންބަފައިންގެ އިންޝާ ފާހަގަކުރީ ޝުކުރުވެރިކަމާއެކުއެވެ. މީގެއިތުރުން އާއިލާގެ ހުރިހާ މެމްބަރުންނަށާއި އެންމެހާ ރައްޓެހި ކުދިންނަށް އިންޝާ ޝުކުރު އަދާކޮށްފައިވެއެވެ.
އިންޝާ ބުނީ ޓެސްޓާ ގުޅިގެން ކުރިމަތިވާ “ޕްރެޝަރ ސްޓްރެސް” އަކީ ކޮންމެ ކުއްޖަކަށްވެސް ކުރިމަތިވެދާނެ ކަމެއްކަމަށެވެ. އެކަމުން އަރައިގަތުމަށް ތާވަލެއް ހަދައިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެއީ ހުރިހާ ވަގުތެއްވެސް ޖެހޭނެ އީކުއަލީ ބަހާލަން، އެއީ މުނިފޫހިފިލުވަން ކުރާ ކަންތައްތައް ކަމަށްވިޔަސް، އެހެންނޫނީ ކިޔަވަން ކުރާ ކަންކަންވިޔަސް، ސްކެޑިޔުލް އެއް ހަދައިގެން މަސައްކަތްކުރުމަކީ ސްޓްރެސް މެެނޭޖްކުރުމަށް ވަރަށްވެސް މުހިންމުކަމެއް
އިންޝާ
އިންޝާ ބުނީ އޯލެވެލް އަކީ މުޅި ދިރިއުޅުން ކަމަށް ނުބެލުމަށެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއް އޯލެވެލްއަށް ބަރޯސާނުކުރުމަށް އިންޝާ ނަސޭހަތްތެރިވެއެވެ.
އިންޝާ ބުނީ ކިޔެވުމުގެ އިތުރުން ދިރިއުޅުމުގަ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ. އެހެންވީމަ ދިރިއުޅުގެ ހުރިހާ ކަމެއްވެސް “ބެލެންސް”ކޮށްގެން ކުރުމަށް އިންޝާ ނަސޭހަތްތެރިވެއެވެ.
މިހާރު އަޙްމަދިއްޔާ ސްކޫލްގައި މަތީ ސާނަވީއަށް ކިޔަވަމުންދާ އިންޝާ ބުނީ ކިޔެވުމަކީ މުޅި ދިރިއުޅުން ނޫންކަމަށާއި އަމިއްލަ ހިތްހަމަޖެހުމައްޓަކައި ކުރާ ކަންކަމާ ރައްޓެހިންނާ އެކުގައި ހޭދަ ކުރާ ވަގުތާއި މިފަދަ ކަންކަން ދިރިއުޅުމުގައި ބެލެންސް ކުރަންޖެހޭ ކަމަށެވެ.
މަތީ ސާނަވީއަށް ފަހު ކްލިނިކަލް ޑައިޓީޝަންގެ ދާއިރާއިން މަތީ ހާސިލް ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް އުންމީދު ކުރާ އިންޝާ ބުނީ ކިޔެވުމުގައި ދިމާވާ ސްޓްރެސް މެނޭޖްކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ދިރިއުޅުމުގެ ހުރިހާ ކަމެއް ބެލެންސް ކުރުން ކަމަށެވެ.
@farudhun Aishath Insha Imran - Saanavee Best All Rounder 2024 ( Ahmadhiyya International School )
♬ original sound - Farudhun