ދުނިޔެ / ވިޔަފާރި

އެކްސްބޮކްސް ކޮންސޯލްތަކުގެ އަގު އެމެރިކާގައި ދެވަނަ ފަހަރަށް ބޮޑުކޮށްފި

އެކްސްބޮކްސް ކޮންސޯލްތަކުގެ އަގު އެމެރިކާގައި ދެވަނަ ފަހަރަށް ބޮޑުކޮށްފި

އެކްސްބޮކްސް ކޮންސޯލް ފޮޓޯ: މައިކްރޯސޮފްޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ސެޕްޓެމްބަރު 2025، 07:44

24 ސެޕްޓެމްބަރު 2025، 07:44

މައިކްރޮސޮފްޓުން ބުނި ގޮތުގައި، މި އަހަރުގެ ތެރޭގައި އެމެރިކާގައި އެކްސްބޮކްސް ގޭމިންގ ކޮންސޯލްތަކުގެ އަގު ދެވަނަ ފަހަރަށް ބޮޑުކޮށްފި އެވެ. މިގޮތަށް އަގު ބޮޑުކުރުމަށް ނިންމާފައިވަނީ، ޓެރިފްތަކުގެ ސަބަބުން ދިމާވާ ހަރަދު ބޮޑުވުންތަކާއި، ވަރުގަދަ ވާދަވެރިކަމާއި، ޚަރަދުކުރާ މިންވަރު ކަށަވަރު ނޫންކަމުން ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ.

އަގުއުފިލިފައި ވަނީ ، "މެކްރޯ އިޤްތިޞާދީ މާޙައުލަށް އައިސްފައިވާ ބަދަލުތަކުގެ" ސަބަބުން ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ. މި އަގު ބޮޑުވުންތައް އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ. މި ބަދަލުތަކާއެކު، އެކްސްބޮކްސްގެ މިހާރުގެ ހާޑްވެއަރ ޖެނެރޭޝަންގެ 1 ޓެރަބައިޓް ސީރީސް  އެސްގެ އަގު 450 ޑޮލަރަށް އަރާނެ ކަމަށާއި، ހައި-އެންޑް ސީރީސް އެކްސްގެ އަގު 650 ޑޮލަރަށް އަރާނެ ކަމަށެވެ. މީގެ އިތުރުން، ޚާއްސަ އެޑިޝަންގެ 2 ޓެރަބައިޓް ގަލެކްސީ ބްލެކް ސީރީސް އެކްސް މިހާރު 800 ޑޮލަރަށް ވިއްކާނެ ކަމަށް ވެސް މައިކްރޮސޮފްޓުން ބުނެ އެވެ.

އެކްސްބޮކްސް ކޮންސޯލްތަކުގެ އަގު މީގެ ކުރިން ބޮޑުކުރީ މިދިޔަ މޭ މަހު އެމެރިކާ، ޔޫރަޕް، އޮސްޓްރޭލިއާ އަދި ޔޫކޭ ހިމެނޭ ގޮތަށް ގިނަ މާކެޓްތަކެއްގަ އެވެ. އެއިރު އަގު ބޮޑުކުރަން ޖެހުނީ، އޭރުގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާ ފަދަ އުފެއްދުންތެރި މަރުކަޒުތަކުން އެތެރެކުރާ ތަކެއްޗަށް ޓެރިފްތައް އިތުރުކުރުމުގެ ސަބަބުން ހާޑްވެއަރގެ ހަރަދު ބޮޑުވެ، ފައިދާގެ މިންވަރު ކުޑަވުމުގެ ނުރައްކާ އޮތުމުންނެވެ.

މޭ މަހު ބޮޑުކުރި އަގާއެކު ބަލާއިރު، އެކްސްބޮކްސް ސީރީސް އެކްސްގެ އަގު މި ހަ މަސް ދުވަހުގެ ތެރޭގައި 150 ޑޮލަރަށް ބޮޑުވެފައިވެ އެވެ. މިއީ، ފައިސާގެ އިންފްލޭޝަން ބޮޑުވަމުންދާ ދަނޑިވަޅެއްގައި ގޭމަރުންގެ ބަޖެޓް ކުޑަވެދާނެ ކަމެއްކަމަށް ބެލެވެ އެވެ.

ނިއުޔޯކް ޔުނިވަރސިޓީގެ ސްޓަރން ސްކޫލް އޮފް ބިޒްނަސްގެ ގޭމްސް ޕްރޮފެސަރ ޖޫސްޓް ވެން ޑްރޫނެން ވިދާޅުވީ، "މި އަގު ބޮޑުކުރުމަކީ ފައިދާ ނެގުމަށް ނުވަތަ ސޮފްޓްވެއަރ ތަރައްގީ ކުރުމުގެ ހަރަދަކާ ގުޅުންހުރި ކަމެއް ނޫނެވެ. ބަދަލުގައި، މިއީ ޓެރިފްތައް އިތުރުވުމާއި ސަޕްލައި ޗެއިންގެ ހަރަދުތައް ބޮޑުވުމުގެ ނަތީޖާ އެވެ. އައު ވިޔަފާރީގެ ޕްރެޝަރތައް ބަލައިގަތުމަށްޓަކައި ހާޑްވެއަރގެ އަގު މަތިކުރެވެނީ ."

އެކްސްބޮކްސްގެ ވާދަވެރި ސޯނީއިން ވެސް މިދިޔަ މަހު އެމެރިކާގައި އޭގެ ޕްލޭސްޓޭޝަން 5 ކޮންސޯލްތަކުގެ އަގު 50 ޑޮލަރާ ގާތަށް ބޮޑުކުރި އެވެ. ސޯނީގެ އެންމެ އަގުބޮޑު ޕީއެސް5 ޕްރޯ މިހާރު ވިއްކަނީ 749.99 ޑޮލަރަށެވެ.

މައިކްރޮސޮފްޓުން ބުނީ، އެހެން މާކެޓްތަކުގައި ކޮންޓްރޯލަރ، ހެޑްސެޓް އަދި ކޮންސޯލްތަކުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށެވެ.
މި އަހަރު ވީޑިއޯ ގޭމްސް އިންޑަސްޓްރީގެ އެންމެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފެންނާނެ ކަމަށް ބެލެވުނީ "ގްރޭންޑް ތެފްޓް އޮޓޯ VI" ފަދަ އައު ޕްރީމިއަމް ޓައިޓަލްތަކާއި ނިންޓެންޑޯގެ ސްވިޗް 2 ފަދަ ހާޑްވެއަރތައް ނެރުމުގެ ސަބަބުން ކޮންސޯލްތައް ކަމަށެވެ. ނަމަވެސް، ޓައިޓަލްތައް ފަސްވުމާއި އަގު ބޮޑުވުމުގެ ސަބަބުން މި އިންޑަސްޓްރީގެ ކުރިމަގަށް ވަނީ ހިޔަނި އެޅިފަ އެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން