ދުނިޔެ

ޣައްޒާގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އަންނަން ގިނައިރެއް ނެތް: ޞިއްޙީ ވުޒާރާ

ޣައްޒާގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އަންނަން ގިނައިރެއް ނެތް: ޞިއްޙީ ވުޒާރާ

ޣައްޒާގެ ހޮސްޕިޓަލެއް ކައިރި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 07:37

24 ސެޕްޓެމްބަރު 2025، 07:37

ޣައްޒާގެ ހޮސްޕިޓަލްތައް ހުއްޓުމަކަށް އަންނަން ގިނައިރެއް ނެތް ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ. 

ޣައްޒާގެ ޞިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބަރޝް ވިދާޅުވެފައިވަނީ ހޮސްޕިޓަލްތަކަށް ތެޔޮ ނުލިބި، އިސްރާއީލީ ހަމަލާތައް ހުއްޓުމެއް ނެތި ދެމުންދާތީ، ގަޑިއިރުތަކެއްގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށާއި، މިކަމުގެ ސަބަބުން ގިނަ ބަޔަކު ޝަހީދުވެގެންދާނެ ކަމަށެވެ.

އަލްޖަޒީރާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޑރ. އަލް-ބަރޝް ވިދާޅުވީ ޝިފާ މެޑިކަލް ކޮމްޕްލެކްސް، އަލް-އަހްލީ، އަލް-ޚިދުމާ އަލް-އާންމާ އަދި އަޞްދިޤާ އަލް-މަރީޟް ފަދަ ހޮސްޕިޓަލްތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ ޝިފާ ހޮސްޕިޓަލްގެ ބައެއް ޚިދުމަތްތައް ތެލުގެ ދަތިކަމުން މިހާރު ވަނީ ހުއްޓިފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ބަލިމީހުންނަށް ޚިދުމަތް ދިނުމަށް ނުކުޅެދިފައި މިވަނީ ތެލުގެ ދަތިކަމާއި، މެޑިކަލް ސަޕްލައިސް އަދި މެޑިކަލް ސްޓާފުންގެ ދަތިކަމުގެ ސަބަބުން،" ޑރ. އަލް-ބަރޝް ވިދާޅުވިއެވެ.

އިއްޔެ ފޭސްބުކްގައި ޝާއިޢުކުރި ބަޔާނެއްގައި ޣައްޒާގެ ޞިއްޙަތު މިނިސްޓްރީން ބުނެފައިވަނީ މަދު ދުވަސްތަކެއްގެ ތެރޭގައި މުހިންމު ޑިޕާޓްމަންޓްތަކުގެ މަސައްކަތް ހުއްޓި، ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވެގެންދާނެ ކަމަށެވެ. އަދި ތެޔޮ ނުލިބުމުގެ ސަބަބުން އިންޖިނިއަރިންގ އަދި ޓެކްނިކަލް ފިޔަވަޅުތަކުން އިތުރު ފައިދާއެއް ނުކުރާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޑރ. އަލް-ބަރޝް އިތުރަށް ވިދާޅުވީ އިސްރާއީލީ އިހުތިލާލުން ބޭނުންވަނީ ޞިއްޙީ ނިޒާމު އެއްކޮށް ނައްތާލުމަށް ކަމަށެވެ. އަދި މިއީ ޣައްޒާގެ ބަލިމީހުންނާއި އާންމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެންމެ ފަހު ގޮވާލުންކަމަށް ޑރ.އަލް ބަރޝް ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން