ސައިންސް / ދުނިޔެ
ޖައްވުގެ މޫސުން ބެލެހެއްޓުމަށް އެމެރިކާއިން ތިން ޕްރޯބް ފޮނުވައިފި

ނާސާ އިން ޖައްވަށް ފޮނުވި ޕްރޯބެއް ފޮޓޯ: ނާސާ
ބިމުގެ ޓެކްނޮލޮޖީއާއި ކަރަންޓުގެ ނިޒާމުތަކަށް އަސަރުކުރާ ޖައްވުގެ މޫސުން، އޭގެ ތެރޭގައި ސޯލާ ސްޓޯމްސް ފަދަ ކަންކަން، މޮނިޓަރ ކުރުމަށް އެމެރިކާއިން ބުދަދުވަހު ތިން ޕްރޯބް ޖައްވަށް ފޮނުވައިފިއެވެ. މި ޕްރޯބްތައް ފޮނުވާފައިވަނީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.
އަމިއްލަ ކުންފުނި ސްޕޭސްއެކްސް އިން ބިނާކޮށްފައިވާ ފެލްކަން 9 ރޮކެޓެއްގައި މި ތިން ޕްރޯބް ވަނީ ޖައްވަށް ފޮނުވާލާފައެވެ. ޖައްވުގައި މި ޕްރޯބްތަކުން ފެށިގެން ދާނީ އިރާ 1.5 މިލިއަން ކިލޯމީޓަރު (930,000 މޭލު) ދުރުގައިވާ ލެގްރާންޖް 1 ޕޮއިންޓަށް ދާ ދިގު ދަތުރެކެވެ.
މި ޕޮއިންޓަކީ ޖައްވުގެ މޫސުން ދިރާސާކުރުމަށް ވަރަށް ހަމަޖެހޭ އަދި އެންމެ ރަނގަޅު ތަން ކަމަށް ވެއެވެ.
މި ޕްރޯބްތަކުގެ ތެރޭގައި ހިމެނޭ "އިންޓަރސްޓެލާ މެޕިންގ އެންޑް އެކްސެލެރޭޝަން ޕްރޯބް" (އައިއެމްއޭޕް - IMAP) އިން ބޭނުންކުރާނީ އިރުގެ ހައި-އެނަރޖީ ޕާޓިކަލްސް އާއި އަޅުގަނޑުމެންގެ ސޯލާ ސިސްޓަމް ވަށައިގެންވާ ހިމާޔަތީ މެގްނެޓިކް ބަބްލް ނުވަތަ ހީލިއޮސްފިޔާ (heliosphere) ދިރާސާކުރުމަށެވެ. މި މައުލޫމާތުތަކުން ޖައްވުގެ މޫސުމާއި ކޮސްމިކް ރޭޑިއޭޝަން ދެނެގަތުމަށް އެހީތެރިވެދޭނެއެވެ.
ސޯލާ ސްޓޯމްސްއަކީ އިރުގެ ފަށަލާގައި ހިނގާ ފްލެއާސްތަކުގެ ސަބަބުން އުފެދޭ ހައި-ރޭޑިއޭޝަންގެ ހާދިސާތަކެކެވެ. މިކަންކަން ކުރިއަށް އަންނާނެ ގޮތް ލަފާކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ބިމުގެ އޭވިއޭޝަން، މޯބައިލް ކޮމިއުނިކޭޝަންސް އަދި ކަރަންޓު ގްރިޑްތަކަށް އަސަރުކުރެއެވެ. އަދި ޖައްވުގައި ތިބޭ އެސްޓްރޯނޮޓުންނާއި ސެޓެލައިޓްތަކަށް ވެސް ނުރައްކާވެދާނެއެވެ.
ނޭޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޯއާ - NOAA) އިން ހިންގާ "ސްޕޭސް ވެދަރ ފޮލޯ-އޮން" (އެސްޑަބްލިއުއެފްއޯ-އެލް1 - SWFO-L1) ޕްރޯބްގެ މަގުސަދަކީ މިފަދަ މޫސުމީ ބަދަލުތައް ކުރިއާލާ ދެނެގަތުމެވެ. ނޯއާގެ އައިރީން ޕާކަރ ވިދާޅުވީ "އައި ޕްރޯބްއަށް އަންނަ ނުރައްކަލެއް ހުއްޓުވައެއް ނުލެވޭނެ، އެހެނަސް ތައްޔާރުވުމަށް އެ ޕްރޯބްއިން އަހަރެމެންނަށް ވަގުތު ހޯދައިދޭނެ" ކަމަށެވެ.
ކުރިއާލާ މައުލޫމާތު ލިބިއްޖެނަމަ، ކަމާބެހޭ ފަރާތްތަކުން އެސްޓްރޯނޮޓުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ޖީޕީއެސް ނިޒާމުތަކަށް އަންނަ ބުރޫއެރުންތަކާ ގުޅޭގޮތުން މަތިންދާބޯޓު ދުއްވާ ޕައިލެޓުންނަށް އަންގާ، އަދި ކުރިއަށް އަންނަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓު ގްރިޑްތަކަށް ބަދަލު ގެނެވޭނެއެވެ.
މި ރޮކެޓުގައި ހިމެނޭ ތިންވަނަ ޕްރޯބް ކަމަށްވާ ކެރޫތާސް ޖިއޯކޮރޯނާ އޮބްޒަވޭޓަރީ (Carruthers Geocorona Observatory) އިން ދިރާސާކުރާނީ ބިމުގެ އެކްސޯސްފިޔާ (exosphere) އެވެ. މިކަމުގެ މަގުސަދަކީ ޖައްވުގެ މޫސުމުން ބިމަށް ކޮށްފާނެ އަސަރުތައް ރަނގަޅަށް ދެނެގަތުމެވެ.