Ads by Stelco

ޚަބަރު

ވިލުފުށީގައި ތަރައްޤީކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާއަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ވިލުފުށީގައި ތަރައްޤީކުރާ ބީއެމްއެލް ބްރާންޗުގެ ބިންގާއަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބީއެމްއެލް ބްރާންޗުގެ ބިންގާއެޅުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ސެޕްޓެމްބަރު 2025، 10:30

24 ސެޕްޓެމްބަރު 2025، 10:30

ތ. ވިލުފުށީގައި ތަރައްޤީކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އެރަށުގައި ޤާއިމްކޮށްފައިވާ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވިލުފުށްޓަށް ވަޑައިގެންނެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، ވިލުފުށީ ދާއިރާގެ މެމްބަރު، އަދި ވިލުފުށީ ކައުންސިލްގެ ރައީސްއެވެ.

މީގެ އިތުރުން، ވިލުފުށީގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު، ރަމްޒީ ބޭންކް ކާޑު ވަނީ ރަށު ކައުންސިލަށް ހަވާލުކުރައްވާފައެވެ. ވިލުފުށީ ކައުންސިލުގެ ފަރާތުން މި ކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސްއެވެ.

އެހެން އޭޓީއެމްތައް ފަދައިން ވިލުފުށީގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށީ 2000 ވަނަ އަހަރުއެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން