ދުނިޔެ
ޕާކިސްތާނުގެ އުތުރު ސަރަހައްދުގައި އެއްޗެއް ގޮވައި އާންމުންގެ ބަޔަކު މަރުވި މައްސަލަ ތަހުޤީޤު ކުރަން ގޮވާލައިފި

ޕާކިސްތާން
ޕާކިސްތާނުގެ ހައިބަރު ޕަހްތުންހްވާ ސަރަހައްދުގެ ދުރު ހިސާބެއްގައި ހިނގި ގޮވުމެއްގައި ކުޑަކުދިން ހިމެނޭ ގޮތަށް މަދުވެގެން 24 މީހުން މަރުވެ، މި ހާދިސާއާ ގުޅިގެން ތަޙުޤީޤެއް ހިންގުމަށް ގިނަ ފަރާތްތަކުން ގޮވާލައިފިއެވެ.
އެސަރަހައްދުގެ ފުލުހުންގެ އޮފިޝަލެއް ބުނާ ގޮތުގައި ޓީޓީޕީ (ޕާކިސްތާން ޠާލިބާން) އިން ހިންގާ މަރުކަޒެއްގައި ރައްކާކޮށްފައި ހުރި ބޮން ހަދާ ތަކެތި ގޮވައި، ޠާލިބާން ހަނގުރާމަވެރިންނާއި އާންމު ރައްޔިތުން މަރުވެފައިވެއެވެ. ނަމަވެސް ގިނަ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޕާކިސްތާން ހަނގުރާމަ ބާރުތަކުން ހަނގުރާމަވެރިންނަށް އަމާޒުކޮށް ހިންގި ޢަމަލެކެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން 10 އާންމު ރައްޔިތުންނާއި، 14 ހަނގުރާމަވެރިން ހިމެނެއެވެ. މީގެ ތެރޭގައި ޓީޓީޕީގެ ދެ ކޮމާންޑަރުން ވެސް ހިމެނެއެވެ. ޕާކިސްތާން ސަރުކާރުން ނުވަތަ ހަނގުރާމަ ބާރުތަކުން މިހާތަނަށް މި ހާދިސާއާ ގުޅޭ ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
"މިއީ ހަތިޔާރު ނެތް އާންމު ރައްޔިތުންނަށް ދިން ހަމަލާއެއް،" ޤައުމީ އެސެމްބްލީގެ އިދިކޮޅު މެންބަރު އިޤްބާލް އަފްރީދީ ވިދާޅުވިއެވެ. އިންސާނީ ޙައްޤުތަކުގެ ކޮމިޝަނުން މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވަގުތުން ތަޙުޤީޤެއް ހިންގުމަށް ގޮވާލައިފައިވެއެވެ.
ޕާކިސްތާން ޠާލިބާން އަކީ 2007 އިން ފެށިގެން ޕާކިސްތާން ސަރުކާރާ ދެކޮޅަށް ހަތިޔާރީ ހަނގުރާމައެއް ކުރަމުންދާ ޖަމާޢަތެކެވެ. މި ޖަމާޢަތަކީ އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ޠާލިބާނުން ނޫން ނަމަވެސް، ދެ ޖަމާޢަތުގެ ފިކުރީ އަސާސްތައް އެއްގޮތެވެ.