ދުނިޔެ

ޕާކިސްތާނުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ ގުޅިގެން ކޮލެރާގެ ބަލި ފެތުރުމުގެ ބިރު އޮތްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއްޖެ

ޕާކިސްތާނުގައި ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ ގުޅިގެން ކޮލެރާގެ ބަލި ފެތުރުމުގެ ބިރު އޮތްކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއްޖެ

ޕާކިސްތާނުގަައި ފެންބޮޑުވި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 ސެޕްޓެމްބަރު 2025، 06:47

23 ސެޕްޓެމްބަރު 2025، 06:47

ޕާކިސްތާނުގައި މިވަގުތު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، އެޤައުމުގައި ކޮލެރާގެ ބަލި ފެތުރުމުގެ ބިރު އޮތްކަމަށް ޞިއްޙީ މާހިރުން  އިންޒާރު ދެއްވައިފިއެވެ.

މިކަމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އިތުރު ސިއްހީ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.  

ޔުނައިޓެޑް ނޭޝަންސްގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް، އާދަޔާ ޚިލާފު މޫސުމީ ވިއްސާރައާއި، ފެންބޮޑުވުމާއި، ބިންހެލުމުގެ ސަބަބުން 6 މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރި ގޮތުގައި 1،000 އަށްވުރެ ގިނަ މީހުން މަރުވެ، 12،500 އަށްވުރެ ގިނަ ގެދޮރަށް ގެއްލުންވެ، އަދި 6،500 އަށްވުރެ ގިނަ ޖަނަވާރު މަރުވެފައިވެއެވެ.

"2 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާއިރު، ވަގުތީ ހިޔާވަހިކަން ހޯދައިދޭ ސަރަހައްދުތަކުގައި ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ނުރައްކާ އިތުރުވެގެންދާނެއެވެ." ބްރިޓިޝް ރެޑް ކްރޮސްއިން ވަނީ ވަގުތީ ހިޔާވަހިކަން ހޯދައިދޭ ސަރަހައްދުތަކުގައި އެކަށީގެންވާ ފާޚާނާގެ ނިޒާމެއް ނެތްކަމަށާއި، އަތްދޮވުމުގެ ވަސީލަތްތައް މަދުކަމަށް ފާހަގަކޮށްފައެވެ. މިކަމުގެ ސަބަބުން ޑިސެންޓްރީ އާއި ކޮލެރާ ފަދަ ބަލިތައް އަވަހަށް ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރު ދީފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ 10 ޤައުމުގެ ތެރޭގައި ޕާކިސްތާން ހިމެނެއެވެ. ނަމަވެސް ދުނިޔޭގެ ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ 1 އިންސައްތައަށްވުރެ ކުޑަ މިންވަރެއް ދޫކުރަނީ ޕާކިސްތާނުންނެވެ.

 އެމްނެސްޓީ އިންޓަރނޭޝަނަލްއިން މިއަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ކާރިސާތަކުގައި އެންމެ ބޮޑަށް އަސަރުކުރާ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ޕާކިސްތާނުގެ ޞިއްޙީ އަދި ކާރިސާއާ ގުޅޭ ނިޒާމުތައް ނުކުޅެދިފައިވާ ކަމަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން