ދުނިޔެ
އަހަރުތަކަކަށް ފަހު އިނގިރޭސިވިލާތުގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައި ފަލަސްޠީނުގެ ދިދަ ނަގައިފި

އިނގިރޭސިވިލާތުގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައި ދިދަ ނެގުން
އަހަރުތަކަކަށް ފަހު އިނގިރޭސިވިލާތުގައި ހުންނަ ފަލަސްޠީނުގެ އެމްބަސީގައި ފަލަސްޠީނުގެ ދިދަ ނަގައިފިއެވެ.
އިނގިރޭސިވިލާތުން ފަލަސްތީން ޤައުމެއްގެ ގޮތުގައި ބަލައިގަތުމާ ގުޅިގެން، ލަންޑަނުގައި ހުރި ފަލަސްތީނުގެ އެމްބަސީގައި އެ ޤައުމުގެ ދިދަ ވަނީ ނަގައިފައެވެ.
ކުރިން ފަލަސްތީނުގެ މިޝަންގެ ގޮތުގައި ހުރި އިމާރާތުގައި ހޯމަ ދުވަހު ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ފަލަސްތީނުގެ އެމްބެސެޑަރ ހުސާމް ޒޮމްލޮޓް ވާހަކަދައްކަވަމުން، ފަލަސްތީނުގެ ދިދައިގެ ކުލަތަކުގެ މާނަ ކިޔައިދެއްވިއެވެ. "ކަޅު ކުލައިން ދައްކުވައިދެނީ އަޅުގަނޑުމެންގެ ހިތާމަ، ހުދު ކުލައިން އުއްމީދު، ފެހި ކުލައިން އަޅުގަނޑުމެންގެ ބިން، އަދި ރަތް ކުލައިން އަޅުގަނޑުމެންގެ ރައްޔިތުންގެ ޤުރުބާނީ،" އެމްބެސެޑަރ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މިނިވަން މެމްބަރު ޝޯކަތް އާދަމް ވިދާޅުވީ މި ކަމަކީ ތާރީޚީ މުހިއްމު ވަގުތެއްގައި ކުރެވުނު ކަމެއް ކަމުގައެވެ.
"މިއީ ވަރަށް ޖަޒުބާތީ، އަދި ތާރިޚީ ދުވަހެއް. މިހާރު އަޅުގަނޑުމެންގެ ގާތުގައި މިޝަނެއްގެ ބަދަލުގައި އެމްބަސީއެއް އެބައޮތް. މިޝަން ހެޑްގެ ބަދަލުގައި އެމްބެސެޑަރެއް އެބަހުރި،" އެމަނިކުފާނު ވިދާޅުވިއެވެ.
އިނގިރޭސިވިލާތިގެ ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވެފައިވަނީ، މެދުއިރުމަތީގައި އިތުރުވަމުންދާ ހިތާމަވެރި ހާދިސާތަކުގެ ތެރޭގައި، ސުލްހައާއި ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ އުއްމީދު ދިރުވުމަށްޓަކައި މި ފިޔަވަޅު އަޅުއްވާކަމަށެވެ.
ނަމަވެސް، އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފައިވަނީ، އިނގިރޭސިޗިލާތުން ފަލަސްތީން ޤައުމެއްގެ ގޮތުގައި ބަލައިގަތުމަކީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ޢަމަލީ ފިޔަވަޅުތަކެއް ނޭޅޭނަމަ، ބޭކާރު ކަމެއްގެ ގޮތުގައި ދެމިގެންދާނެ ކަމެއް ކަމަށެވެ.