ޚަބަރު
ރާއްޖޭގައި ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުން: މަހްލޫފް

އަހްމަދު މަހްލޫފް/ފޮޓޯ: ސަން އޮންލައިން
ރާއްޖޭގައި ވޭޕް ބޭންކޮށް، ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މި ސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުންކަމަށް އެމްޑީޕީ ސަރުކާރުގައި ކުޅިވަރާ ބެހޭ ވަޒީރުގެ މަޤާމު ފުރުއްވެވި އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއްގައި ވޭޕް ބޭނުންކުރުން ހުއްދަކޮށް ރައީސް މުޢިއްޒުގެ މި ނިންމެވުން ބަދަލުކުރައްވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ބުނުމާއި ގުޅިގެންނެވެ.
މަހްލޫފް ސޯޝަލް މިޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ވޭޕް ބޭންކޮށް އަދި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމަކީ މިސަރުކާރުން ނިންމި އެންމެ ހަރުދަނާ އެއް ނިންމުން ކަމަށެވެ. އަދި މިވަގުތަށް އެއްބަޔަކު މިކަމާމެދު ހިތްހަމަ ނުޖެހުނު ނަމަވެސް، މީގެ މަސްތަކެއް ނޫނީ އަހަރުތަކެއް ފަހުން، މި ނިންމުމާއެކު ވޭޕުކޮށް އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލި އެތައް ހާސް ޒުވާނުން އެކަމާމެދު އުފާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ކޮންމެ މަހަކު ދުންފަތަށް އިސްރާފުކުރަމުން ދިޔަ އެތައްހާސް ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށާއި، ވޭޕުގެ އަވައިގައި މަސްތުގެ މަގަށް ގެއްލެމުންދިޔަ އެތައް ކުޑަކުދިންނެއް ސަލާމަތްކުރެވޭނެކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފް ވަނީ މީގެ ކުރިން ވެސް، ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމަށް ތަޢުރީފް ކުރައްވާފައެވެ. އެގޮތުން، މަސްތުވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް އަދި އެތައް ކުޑަކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަމީ ހަޤީގަތެއްކަމަށް އޭނާ ކުރިން ވެސް ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް ވޭޕުކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވާކަން، ސުކޫލުތަކުން ހޯދާ ވޭޕުގެ އަދަދުތަކުން ޔަޤީންވާކަމަށް މަހްލޫފް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ނިންމެވުމާ ގުޅިގެން، ގިނަ ބައެއްގެ ތަޢުރީފު މިކަމަށް ލިބިފައިވާއިރު، ސިޔާސީ އެކި ޕާޓީތަކުގެ މެންބަރުން ވެސް ވަނީ މި ނިންމެވުމަށް ތަޢުރީފުކުރައްވާފައެވެ.