ދުނިޔެ

އިސްރާއިލްގެ ހަމަލާއެއްގައި ޣައްޒާގެ އެއް އާއިލާއެއްގެ 25 މީހުން އެއްފަހަރާ ޝަހީދުވެއްޖެ

އިސްރާއިލްގެ ހަމަލާއެއްގައި ޣައްޒާގެ އެއް އާއިލާއެއްގެ 25 މީހުން އެއްފަހަރާ ޝަހީދުވެއްޖެ

ޣައްޒާގެ ޝަހީދުންތަކެއްގެ ހަށިތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2025، 03:28

22 ސެޕްޓެމްބަރު 2025، 03:28

ޣައްޒާގެ ސަބްރާ ސަރަހައްދުގައި އިސްރާއީލް ސިފައިން ދިން ވައިގެ ހަމަލާއެއްގައި އެއް ޢާއިލާއެއްގެ 25 މެންބަރުން ޝަހީދުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ފަތިހު ގަޑީގައެވެ.

މި ހަމަލާގައި 17 މީހުން ސަލާމަތްކުރެވިފައިވާ އިރު، އަދިވެސް ގާތްގަނޑަކަށް 50 އެއްހާ މީހުން ވަނީ ސަލާމަތްކުރަން ޖެހިފައެވެ. ޢާއިލާގެ މެންބަރުން ބުނާ ގޮތުގައި ހަލާކުވެފައިވާ ޢިމާރާތުގެ ތެރެއިން މީހުން ސަލާމަތައް އެދިގޮވާ އަޑުތައް އަދިވެސް އިވެއެވެ.

"މުޅި ދުނިޔެއަށް އަޅުގަނޑު ގޮވާލަން، އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ، އަޅުގަނޑުމެންގެ ޢާއިލާގެ މެންބަރުން ދިރި ތިއްބާ ވަނީ ވަޅުލެވިފަ، އަޅުގަނޑުމެންނަށް އެ މީހުންގެ އަޑު އިވޭ، އެކަމަކު އެހިސާބަށް ދެވޭކަށް ނެތް،" ޢާއިލާގެ މެންބަރަކު ބުންޏެވެ.

އިސްރާއީލްގެ ޑްރޯން ހަމަލާތަކުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ވަނީ ނުހަނު ދަތިވެފައެވެ. 

މީގެ އިތުރުން، ޝާތީ ރެފިއުޖީ ކޭމްޕާއި، ތަލް އަލް-ހަވާ ސަރަހައްދު އަދި ނަސްރު ސަރަހައްދުގެ ލަވާލް ޓަވަރަށްވެސް އިސްރާއީލުން ވަނީ ހަމަލާ ދީފައެވެ. ބުރެއިޖް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ ހަތް މީހަކު ޝަހީދުވިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 65,283 މީހުން ޝަހީދުވެ، 166,575 މީހުންނަށް ޒަޚަމްވެފައިވެއެވެ. މީގެ އިތުރުން، ބަނޑަހައިހޫނުކަމުގެ ސަބަބުން 147 ކުޑަކުދިން ހިމެނޭ ގޮތަށް 440 މީހުން މަރުވެފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ގޮވާ ތަކެތީގެ ސަބަބުން މީހުންގެ އަމިއްލަ ދަތުރުފަތުރު ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށާއި، ހަމަލާތަކުގެ ސަބަބުން އަރަމުންދާ ދުމުން ސަލާމަތްވުމަށް އުނދަގޫ ވެފައިވާކަމަށެވެ.

އިސްރާއީލްގެ މިލިޓަރީން ބުނާ ގޮތުގައި ސެޕްޓެމްބަރު މަހުން ފެށިގެން 450،000 އަށްވުރެ ގިނަ މީހުން ޣައްޒާ ސިޓީން ބަދަލުކުރެވިފައިވެއެވެ. ނަމަވެސް ޣައްޒާގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި މި އަދަދަކީ 300،000 އަށްވުރެ މަދު އަދަދެކެވެ.

އިސްރާއީލްގެ މިލިޓަރީން މައުލޫމާތު ދީފައިވާ ގޮތުގައި ތިން ޑިވިޜަނެއް ޣައްޒާ ސިޓީ އާއި އުތުރު ޣައްޒާގައި ހަނގުރާމަ ކުރަމުންދާއިރު، އިތުރު ޑިވިޜަނެއް ދެކުނުގެ ހާން ޔޫނިސްގައި ހަރަކާތްތެރިވަމުންދެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެރަރިސްޓް ހަމަލާތައް ދޭން އުޅުނު ގިނަ "ޓެރަރިސްޓުން" ތަކެއް މަރާލެވުނު ކަމަށް އެމީހުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން