ޚަބަރު
5 މެންބަރުންނާ އެކު މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މީޑީއާ ފޯރަމް/ފޮޓޯ: ޕީއެސްއެމް
5 މެންބަރުންނާ އެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ވަގުތީ ކޮމިޓީ އެކުލަވާލައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގައިވާ ގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލަވާލައި، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރެވެންދެން ކޮމިޝަނުގެ އެންމެހާ ކަންކަން ވަގުތީގޮތުން ހިންގުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން 5 މެންބަރުންގެ ކޮމެޓީއެއް އެކުލަވާލަން ޖެހޭނެއެވެ. އަދި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 ދުވަހުގެ ތެރޭގައި ސީއެސްސީން މި ވަގުތީ ކޮމިޓީ އެކުލަވާލަންޖެހޭނެކަމަށް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މިކަމާއި ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުން ލާޒިމުކުރާ ކޮމެޓީ އެކުލަވާލައި، އެ ކޮމެޓީއަށް މިދިޔަ އާދީއްޔަ ދުވަހު މެންބަރުން ޢައްޔަނުކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، ކޮމިޓީއަށް ޢައްޔަނުކުރެވުނު މެންބަރުންނަށް، އެފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ހަވާލުކޮށް، އެ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާކަމަށް ސީއެސްސީން ވިދާޅުވިއެވެ.
ސީއެސްސީން ވަޤުތީ ކޮމިޓީއަށް ޢައްޔަނުކުރެއްވި މެންބަރުން:
- ޑިރެކްޓަރ ޖެނެރަލް ޢަލީ ޒަކީ - ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
- ޑިރެކްޓަރ ޖެނެރަލް އަޙްމަދު މަޢުސޫމް - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
- ޑިރެކްޓަރ ޖެނެރަލް އާމިނަތު ޝާހިދާ - އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
- ޑިރެކްޓަރ ޖެނެރަލް އާމިނަތު ނަސީރު - އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
- ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދު - ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 18 ވަނަ ދުވަހު މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެންނެވެ.