Ads by Stelco

ޚަބަރު

މ. މުލަކު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މުލަކު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ސެޕްޓެމްބަރު 2025، 11:14

22 ސެޕްޓެމްބަރު 2025، 11:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުވެވަޑައިގެންނެވި ގޮތަށް މ. މުލަކު ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހަދާ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަތޮޅު މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، މުލަކުގައި ތަރައްޤީކުރާ ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ޞިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަރިހުގައި މުލަކު ދައިރާގެ މެންބަރު އިބްރާހިމް ނައުފަލް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމު އަދި މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، މިއަހަރުގެ މޭއި މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ 24.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށް ޞިއްޙީ ވުޒާރާއިން މަޢުލޫމާތުދެއެވެ. އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވަނީ މި އަންނަ އަހަރު އޯގަސްޓް މަހުގެ ނިޔަލަށެވެ.

އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ޞިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން