ޚަބަރު
އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް: ރައީސް

ރައީސް ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް
2026 ވަނަ އަހަރުގެ ބަޖެޓުގެ ބޮޑު އިންސައްތައެއް އެކަށައަޅުއްވާނީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން ސަރުކާރުން ހުށަހަޅުއްވަނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރާއި 2028 ވަނަ އަހަރުގެ ދެތިން މަސް ހިމެނޭ ގޮތަށް، މުޅި ރާއްޖޭގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް ނިންމުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން، ބައިވެރިވެގެން ކުރަންޖެހޭ ބޮޑު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްޤީގެ ވާހަކަތައް ކުރިއަށްދާންޖެހޭނީ ދެފުށްފެންނަ ގޮތަކަށް، ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަން ފާހަގަކުރައްވައި، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލެއްވުމުގައި ވެސް، ސީދާގޮތުންނާއި، ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް، ރައްޔިތުން ޝާމިލުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޕްލޭންގައި އެކުލެވެނީ ރައްޔިތުން ބޭނުންވާ ތަރައްޤީކަން ކަށަވަރުކުރެއްވުމަށް، ޓީމްތައް ރަށްރަށަށް ގޮސް، ޚިޔާލާއި މަޝްވަރާ ހޯއްދަވާނޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި ޕްލޭން އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ވެސް، އަންނަ ކޮންމެ ސިޔާސީ ބަދަލަކާ ގުޅިގެން ތަރައްޤީ އެކޮޅުކޮޅުން ޖެހުނަ ނުދިނުންކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަން ކަށަވަރުކުރެއްވުމަށް، 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނާ ގުޅޭ ޤާނޫނެއްވެސް އެކުލަވާލައްވަމުން ގެންދަވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތަރައްޤީ އާއި ހަމަޖެހުން ދިވެހިރާއްޖޭގައި ޤާއިމުކުރެއްވުން ކަމަށެވެ.