Ads by Stelco

ޚަބަރު

މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވައިފި

މުލަކުގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވައިފި

ރައީސް މުލަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

22 ސެޕްޓެމްބަރު 2025، 10:59

22 ސެޕްޓެމްބަރު 2025، 10:59

މުލަކަތޮޅު މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވާފައިވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

އެމަނިކުފާނު މި މަޢުލޫމާތުތައް ހިއްސާކުރައްވާފައި ވަނީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ރޭ ސޮއިކުރި 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢާއި، ޖަނަވަރީ މަހު އެރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، ނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަޞީލަތްތައް ޤާއިމުކުރައްވައިގެން، އެސިނާޢަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން އިސްކަންދެއްވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މުލަކުގެ ތަރައްޤީއަށް ތާވަލުކުރެވިފައިވާ އެހެނިހެން މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި އަހަރުގެ ތެރޭގައި 50 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭ ކަމަށެވެ. ހަމަ އެހެންމެ، ބާރު ދުވެލީގައި ބަނދަރުގެ މަސައްކަތް ނިންމައި، ރަށްގިރުމުގެ މައްސަލައަށް ވެސް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ މުލަކު ރައްޔިތުންނަށް ދެއްވާފައެވެ.

ހަމަ މިއާއެކު، މިއަދު ފެށިގެންދިޔަ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވަމުން، އެއީ ސަރަޙައްދީ ފެންވަރެއްގައި ލުއިފަސޭހަތަކެއް ލިބިގެންދާނޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ، މަގުހެދުމުގެ މަޝްރޫޢާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު، ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ވަނީ މުލަކު ރައްޔިތުންނަށް ދެއްވާފައެވެ.

އަދި މި އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ރަށުގެ އިރުމަތީ ޖެޓީގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިރާސީ އާ އަހަރަށް ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާ، ފުލުހުންނަށް ވެހިކަލެއް ނުލިބި 14 ވަރަކަށް އަހަރު ވެފައިވާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު، ނިމުމެއް ގެނެސްދެއްވާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން