ޚަބަރު
މ. މުލަކުގެ ބަނދަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

މ. މުލަކުގެ ބަނދަރު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ފޮޓޯ: އެމްޓީސީސީ
މުލަކު ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު އެއް ބާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާއެވެ. މުލަކަކީ 1942 މީހުންގެ އާބާދީއެއް އޮންނަ ރަށެއްކަމުން، އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމެވެ. ނަމަވެސް، މިހާރު ރަށުގައި އޮތް ބަނދަރު ކުޑަވެފައި، އުޅަނދުފަހަރު ގިނަވުމުގެ ސަބަބުން، މަސްވެރިންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް ރަށު ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ލަފައިފުރުމުގައާއި، މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޤްތިސޯދީ ގޮތުން ގިނަގުނަ މަންފާތަކެއް ކުރާނެކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫޢުގެ ދަށުން، 70,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 253 މީޓަރުގެ ސޭންޑްފިލް ބޭރުތޮށި (އައުޓަރ ރިވެޓްމެންޓެއް) ޖެހުމާއި، 25 މީޓަރުގެ ނެރު ބޭރު ތޮއްޓެއް ލުމާއި، 53 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމާއި، 3,062 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.މި މަޝްރޫޢަކީ 62.63 މިލިއަން ރުފިޔާއަށް، 485 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
އެމްޓީސީސީއަކީ 1980 ވަނަ އަހަރު ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައި އުފެދުނު ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެ ކުންފުނިން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.