ދުނިޔެ
ޤައްސާމް ބްރިގޭޑްސް އިން އެޖަމާޢަތުގެ ބެލުމުގެ ދަށުގައިތިބި އިސްރާއިލްގެ އަސީރުންގެ ފޮޓޯތައް ވަދާޢީ ފޮޓޯ ކަމަށްބުނެ ޝާޢިޢުކޮށްފި

ޙަމާސްގެ ބެލުމުގެ ދަށުގައިތިބި އިސްރާއިލްގެ އަސީރުން
ޙަމާސްގެ ހަނގުރާމަމަތީ ފިޔަ ޤައްސާމް ބްރިގޭޑްސްއިން އިސްރޭލުގެ 48 އަސީރުންގެ "ވަދާޢީ ފޮޓޯއެއް" ކަމަށް ބުނެ ފޮޓޯއެއް ޝާއިޢުކޮށްފިއެވެ. ޙަމާސްއިން މިފަދަ ފޮޓޯތަކެއް އާންމުކޮށްފައި މިވަނީ އިސްރާއިލް ސިފައިން ޣައްޒާގެ އެންމެ ބޮޑު އާބާދީ އޮތް ސަރަހައްދު ހަލާކުކޮށް، އެ ސަރަހައްދުތައް ހިފަމުންދާ ވަގުތެއްގައެވެ.
ހޮނިހިރު ދުވަހު ޝާއިޢުކުރި މި ފޮޓޯގައި ދިރިހުރި އަދި މަރުވެފައިވާ އަސީރުން މޫނުތައް ހިމަނާފައިވެއެވެ. ކޮންމެ ފޮޓޯއެއްގެ ދަށުގައި "ރޮން އަރަޑް" މިހެން ލިޔެފައިވެއެވެ. މިއީ 1986 ވަނަ އަހަރު ލުބްނާންގައި ގެއްލުނު އިސްރާއިލްގެ އެއަރ ފޯސް ކެޕްޓަނަށް ރިފަރކޮށްފައިވާ ލިޔުމެކެވެ.
"ނަތަންޔާހޫގެ އިންކާރާއި، ޒަމީރުގެ ދެރަވުމާއެކު، ޣައްޒާ ސިޓީގައި ހަނގުރާމަވެރި އޮޕަރޭޝަން ފެށުމާއެކު ވަދާޢީ ފޮޓޯއެއް" މިހެން ބުނެ ހަމާސްއިން މި ފޮޓޯ ޝާއިޢުކޮށްފައިވެއެވެ. މިއީ އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޙަމާސްއާއެކު އެއްވެސް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތް ނުކުރުމަށް ރިފަރކޮށްފައިވާ ބަޔާނެކެވެ.
ޙަމާސްއިން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި އިސްރާއިލްގެ ހަމަލާތައް ހަރުދަނާކޮށް، އަދި އެއްގަމުގެ ހަމަލާތައް ފެށުމުން ބަންދީންގެ ފުރާނައަށް ނުރައްކާވެގެންދާނެއެވެ. މިހާރުވެސް އިސްރާއިލްގެ ބޮންހަމަލާތަކުގައި ބައެއް ބަންދީން މަރުވެފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. އަދި އަސީރުން ތިބީ ޣައްޒާ ސިޓީގެ އެކި ހިސާބުތަކުގައި ކަމަށްވެސް ޙަމާސްއިން ބުނެއެވެ.
ފަލިސްތީނުގެ ޞިއްޙީ ވުޒާރާގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް އިސްރާއިލްގެ ހަމަލާތަކުގައި މަދުވެގެން 65,208 ފަލަސްޠީނުގެ ރައްޔިތުން ޝަހީދުވެ، 166,271 މީހުން ޒަޚަމްވެފައިވެއެވެ. އަދި މާރިޗު 18 އިން ފެށިގެން މިހާތަނަށް 12,653 މީހުން ޝަހީދުވެ، 54,230 މީހުން ޒަޚަމްވެފައިވެއެވެ.