ދުނިޔެ
ފަލަސްޠީނުގެ މައްސަލާގައި ދެދައުލަތުގެ ޙައްލު ގެނައުމަށް ސަޢުދީ އާއި މިޞްރުގެ ވެރިންނާއި ފްރާންސްގެ ރައީސް މަޝްވަރާކުރައްވައިފ

ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން
ފަލަސްތީނު މައްސަލައިގެ ދެ ދައުލަތުގެ ޙައްލު ހޯދުމުގެ ކޮންފަރެންސްގެ ތައްޔާރީތަކާ ގުޅޭގޮތުން ފްރާންސްގެ ރައީސް އިމާނުއެލް މެކްރޯން މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އައް-ސީސީ އަދި ސަޢުދީ ޢަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނާއި ވަކިވަކިން މަޝްވަރާކުރައްވާފިއެވެ.
ސަޢުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނާ ގޮތުގައި އިއްޔެ ހޮނިހިރު ދުވަހު ސަޢުދީ ވަލީ އަހުދާއެކު ކުރެއްވި ފޯނު މަޝްވަރާގައި، ސަޢުދީ ޢަރަބިއްޔާ އަދި ފްރާންސްގެ އިސްނެގުމުގެ ދަށުން ބޭއްވުނު ފަލަސްތީނު މައްސަލައިގެ ސުލްޙަވެރި ހައްލެއް ހޯދުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒު ކުރުމާ ގުޅޭ މަތީ ފެންވަރުގެ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ނަތީޖާތައް މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާގައި ޣައްޒާގެ ހަނގުރާމަ ނިންމުމަށާއި ސުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިވުމާއި، ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމާ ހަމައަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މިޞްރުގެ ރިޔާސީ ދިވާނުގެ ތަރުޖަމާނު މުޙައްމަދު އައް-ޝިނާވީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި ރައީސް ސީސީއަށް މެކްރޯން ކުރެއްވި ފޯނު މަޝްވަރާގައި ވެސް ދެ ދައުލަތުގެ ޙައްލު ހޯދުމުގެ ކޮންފަރެންސްގެ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ކޮންފަރެންސަކީ ފަލަސްތީނު ދައުލަތް ޤަބޫލުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެފަރާތުން ފާހަގަކުރެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ޖޫން 4 ގެ ބޯޑަރުތަކުގައި، އިރުމަތީ ޖާރުއްސަލަމް ވެރިކަންކުރާ ރަށްކަމުގައި ހަމަޖެހިފައިވާ މިނިވަން ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކުރެއްވިއެވެ.
ފަލަސްތީނު ދައުލަތް ޤަބޫލުކުރުމަށް ފްރާންސްއިން ނިންމާފައިވާ ނިންމުމަށް މިސުރުގެ ރައީސް މަރުޙަބާ ކިޔުއްވައި، މި ފިޔަވަޅަކީ މެދުއިރުމަތީގައި އަދުލުވެރި އަދި ޝާމިލު ސުލްޙައެއް ހޯދުމަށް އެޅޭ އިޖާބީ ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އަދި ވެސް ފަލަސްތީނު ދައުލަތް ޤަބޫލުކޮށްފައި ނުވާ ޤައުމުތަކަށް، ހަނގުރާމަ ނިމުމަކަށް ގެނެސް ސަރަހައްދުގައި އިސްތިގުރާރު ޤާއިމުކުރުމަށް ކުރެވޭ ބައިނަލްއަޤުވާމީ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލެއްވިއެވެ.