Ads by Stelco

ޚަބަރު

ރައްޔިތުންގެ މަޖިލިސް ކައިރީގައި ބޭއްވި ނޫސްވެރިންގެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއް: ފުލުހުން

ރައްޔިތުންގެ މަޖިލިސް ކައިރީގައި ބޭއްވި ނޫސްވެރިންގެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއް: ފުލުހުން

ނޫސްވެރިންތަކެއް މުޒާހަރާކުރަނީ/ފޮޓޯ: އައްޑޫ ލައިވް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ސެޕްޓެމްބަރު 2025، 03:26

18 ސެޕްޓެމްބަރު 2025، 03:26

މިމަހުގެ 16 ވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން މަޖިލިސް ސަރަހައްދުގައި މުޒާހަރާކުރާ ފަރާތްތައް ހަރަކާތްތެރިވާން ފެށުމާއެކު، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމާއި، އަމަން އަމާންކަން ދެމެހެއްޓުމަށް އޮފިސަރުން އެ ސަރަޙައްދަށް ޑިޕްލޮއި ކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 24 ވަނަ މާއްދާގައިވާގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅައި ޢާންމުކޮށް އިޢުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުއްދައެއް ލިޔުމުން ލިބިގެން މެނުވީ، އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަކީ މަނާކަމެއް ކަމަށެވެ.

ފުލުހުން ވިދާޅުވީ، މިފަދަ ހުއްދައެއް ދީފައި ނުވާތީއާއި، އެއްވުންތައް ބޭއްވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަޙައްދު ނުހިމެނޭތީއާއި، އެސަރަޙައްދަކީ އެއްވުން މަނާ ސަރަޙައްދަކަށްވާތީ އާއި، އަދި އެއީ ސްކޫލްތައްވެސް ހިމެނޭ ސަރަޙައްދަކަށްވުމާއެކު، މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެއްވުމަކީ ގާނޫނާ ޚިލާފު އެއްވުމެއް ކަމަށެވެ. 

އެހެންކަމުން، ފުލުހުން އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައި ވަނީ، ޤާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި ޢާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ ސަލާމަތީ އޮޕަރޭޝަނަށް، އެއްވުމުގެ ބައެއް ބައިވެރިން ހުރަސް އަޅައި ސަލާމަތީގޮތުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަދެފައިވާ ކަމަށާއި، ރައްޔިތުންނާއި މަޖިލިސް މެންބަރުގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުން ގެންދިޔަ މަސައްކަތަށް އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ތަކުރާރުކޮށް އެދިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި، ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާއެކު އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕަ ސްޕްރޭ އަދި ބެޓަންފަދަ ތަކެތި ބޭނުންކޮށްފައި ނުވާނެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މުޒާހަރާ ކޮންޓްރޯލް ކުރުމުގައި، ކޮންމެހެން އެހެންގޮތަކަށް ޢަމަލުކުރަން ޖެހުނު ޙާލަތެއްގައި ފިޔަވައި، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އަދި މުޒާހަރާ ރޫޅައިލުމުގައި ވެސް، މިފަދަ އޮޕަރޭޝަންތަކުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށް، މުޒާހަރާގެ ބައިވެރިން ވާނީ އެ ސަރަޙައްދުން ދުރަށް ޖައްސާފަވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސައި ހާލަތު ކޮންޓްރޯލް ކުރުމުގައިވެސް، ކުރިން ދެންނެވުނު ފަދަ އެއްވެސް ބާވަތެއްގެ ބާރުގެ ބޭނުމެއް ކޮށްފައިނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ޙަޤީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި އޮޕަރޭޝަންގެ ހުރިހާ މަރުޙަލާއެއްގައި ވެސް، ފުލުހުން ޢަމަލުކޮށްފައި ވަނީ އޮޕަރޭޝަނަލް އުޞޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

ކަމުގެ ޙަޤީގަތް އޮޅޭގޮތަށް މީޑިއާގައި ދައުރުވަމުންދާ ބައެއް ފޮޓޯތަކަކީ، ޤާނޫނާ ޚިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގުމުގެ ސަބަބުން ޙަޤީގަތް އޮޅޭގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް. 

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޙައްޤު ހިމެނޭގޮތުން، އެންމެހައި ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ފުލުހުން ވަނީ އަރުވާފައެވެ.

މީގެ އިތުރުން، އެ އިދާރާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން މިހާރު ދަނީ، އެ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ކުރިއަށް ގެންދަމުންކަމަށް ވިދާޅުވިއެވެ. އަދި މި ރިވިއުގެ ނަތީޖާއިން، ފުލުހުން ޢަމަލުކުރަންޖެހޭ އެއްވެސް އުޞޫލަކާ ޚިލާފު ޢަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވިއެވެ.

ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ދައުލަތުގެ މުހިންމު މުއައްސަސާތައް ހިމާޔަތްކުރުމުގެ ޤާނޫނީ މަސްއޫލިއްޔަތު، ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން