ދުނިޔެ
އިސްރާއީލާއެކު އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެކަމަށް ސީރިޔާގެ ރައީސް ޝަރުޢު އިޝާރާތްކޮށްފި

ސީރިޔާގެ ރައީސް ޝަރުޢު
އިސްރާއީލާއެކު ކުރިއަށްދާ ސެކިއުރިޓީ މަޝްވަރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ނަތީޖާއެއް ފެނިދާނެ ކަމަށް ސީރިޔާގެ ރައީސް އަހްމަދު އަލް-ޝަރުޢު ވިދާޅުވެއްޖެއެވެ.
އެކުލަވާލާ އެއްވެސް އެއްބަސްވުމެއްގައި ސީރިޔާގެ ވައިގެ ސަރަހައްދަށް އިޚްތިރާމްކުރުމާއި، ޤައުމުގެ ބިމުގެ އެއްބައިވަންތަކަން ހިމެނެންޖެހޭނެ ކަމަށާއި، އެކަން އދ. ގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބުދަ ދުވަހު ދެއްވި ބަޔާނެއްގައި ޝަރުޢު ވިދާޅުވީ ސެކިއުރިޓީ އެއްބަސްވުންތައް ކާމިޔާބުވުމުން އިތުރު އެއްބަސްވުންތަކަށް މަގުފަހިވެދާނެ ކަމަށެވެ. ނަމަވެސް "މިވަގުތު ސުލްހައާއި ޢާންމު ގުޅުން ބަދަހިކުރުމުގެ ވާހަކައެއް މޭޒުމަތީގައި ނެތް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއްބަސްވުމަކަށް ވާސިލުވުމަށް އެމެރިކާއިން ސީދާ ޕްރެޝަރެއް ނުފޯރުވާ ކަމަށާއި، ނަމަވެސް މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަލްޖަޒީރާއަށް ސީރިޔާ ސަރުކާރުގެ މަސްދަރެއް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ލަންޑަންގައި ސީރިޔާގެ ފޮރިން މިނިސްޓަރު އަސްޢަދު އަލް-ޝައިބާނީއާއި އިސްރާއީލުގެ ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑަރްމަރު ބައްދަލުކުރައްވައި، 1974 ގެ ޑިސްއެންގޭޖްމަންޓް އެގްރީމަންޓަށް ބިނާކޮށް ހަމަނުޖެހުން ހުއްޓުވުމުގެ އިންތިޒާމުތަކާ މެދު މަޝްވަރާކުރެއްވިއެވެ.
ސީރިޔާގެ ހުށަހެޅުމުގައި ޑިސެމްބަރު 8 އަށްފަހު އިސްރާއީލުން އަތުލައިގަތް ސަރަހައްދުތަކުން އެ ޤައުމުގެ ބާރުތައް އަނބުރާ ގެންދިއުމަށާއި، ބަފަރު ޒޯނުގައި އދ. ގެ ހަނގުރާމަ ހުއްޓުވުމުގެ ބާރުތައް އަލުން އަނބުރާ ގެނައުމަށް ޝަރުތުކޮށްފައިވާ ކަމަށް އެ މަސްދަރު ވިދާޅުވިއެވެ. އަދި ސީރިޔާގެ ބިމުގެ އެއްބައިވަންތަކަމަކީ ބައިބައިކޮށް ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށްވެސް އެ މަސްދަރު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި ބަޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިސްރާއީލުގެ ބާރުތަކުން ގޯލަން ހައިޓްސްގެ ބަފަރު ޒޯނަށް ވަދެ، އިތުރު ސީރިޔާގެ ސަރަހައްދުތަކެއް އަތުލައިގަތެވެ. އަދި ސީރިޔާގެ އެކި ކަންކޮޅުތަކުގައި ހުރި އަސްކަރީ ތަންތަނަށް އެތައް ސަތޭކަ ވައިގެ ހަމަލާތައް ދީފައިވެއެވެ.