ދުނިޔެ
ޣައްޒާގައި އިސްރާއީލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: ބާނީ ސޭންޑާސް

ބާނީ ސޭންޑާސް
ޣައްޒާގައި އިސްރާއިލުން ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ކަމަށް އެމެރިކާގެ ނުފޫޒުގަދަ ސެނެޓަރ ބާނީ ސޭންޑާސް ބުނެފިއެވެ.
އޭނާ ބުނެފައިވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލުތައް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން މަރާލުމުގައި އެމެރިކާގެ ބައިވެރިވުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ސޭންޑާސްގެ މި ބަޔާން ނެރެފައިވަނީ އދ. ގެ ތަޙުޤީޤު ކޮމިޝަނުން އިސްރާއީލުން ޣައްޒާގަ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހިންގަމުންދާކަން ކަށަވަރުކޮށްދޭ ތަފްސީލީ ރިޕޯޓެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ސެނެޓަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ކަމަށް ވިދާޅުވި ފުރަތަމަ ފަރާތަކީ ސޭންޑާސްއެވެ.
"މިކަމުގެ ނިޔަތް ވަރަށް ސާފު. ނިންމުމަކަށް ވާސިލުވުން ކޮންމެހެން ލާޒިމު. އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ފޮހެލުމުގެ ޢަމަލުތައް،" ސޭންޑާސް ވިދާޅުވިއެވެ.
ހަމަ އެހެންމެ، ސޭންޑާސް ފަދައިން ޔަހޫދީ ދީނަށް ނިސްބަތްވާ، ވަރމޮންޓް ސްޓޭޓް ތަމްސީލުކުރައްވާ ރެޕްރެޒެންޓެޓިވް ބެކާ ބަލިންޓްވެސް ވަނީ ޣައްޒާގައި އިސްރާއީލުން ނަސްލު ފޮހެލުމުގެ ޢަމަލުތައް ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލަށް އެމެރިކާއިން ފޯރުކޮށްދޭ ހަތިޔާރުތައް ހުއްޓުވުމަށް ތަކުރާރުކޮށް މަސައްކަތްކުރައްވަމުންދާ ސޭންޑާސް ބުނެފައިވަނީ ނެތަންޔާހޫގެ "ނަސްލު ނައްތާލުމުގެ" ސަރުކާރަށް އެމެރިކާއިން ބިލިއަން ޑޮލަރުތަކާއި ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލަންޖެހޭ ކަމަށެވެ.
"މިއީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއްކަން އަޅުގަނޑުމެން ފާހަގަކުރުމާއެކު، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އދ. މެދުވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ފިޔަވަޅުތައް އެޅުމަށް ގޮވާލުމަށް އަޅުގަނޑުމެންގެ ބާރު ބޭނުންކުރަންޖެހޭ،" ސޭންޑާސް ބުނެފައިވެއެވެ.