ދުނިޔެ
ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން އިސްރާއިލް ބޭން ކުރުމަށް ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް
ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުން އިސްރާއިލް ބޭން ކުރުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވެއްޖެއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒް ވިދާޅުވެފައިވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި އިސްރާއީލަށް ބައިވެރިނުވެވޭ ގޮތަށް ހަމަޖެއްސުމަށް ވިސްނަންޖެހޭ ކަމަށެވެ.
ސޯޝަލިސްޓް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ޔުކްރެއިންއަށް ރަޝިޔާއިން އަރައިގަތުމާ ގުޅިގެން ރަޝިޔާ ކުޅިވަރު މުބާރާތްތަކުން ވަކިކުރި ފަދައިން، ޣައްޒާއަށް އަރައިގަތުމާ ގުޅިގެން އިސްރާއީލްވެސް ވަކިކުރަންޖެހޭ ކަމަށެވެ.
"މި އަނިޔާވެރިކަން ނިމެންދެން، ރަޝިޔާ އަދި އިސްރާއީލް، އެއްވެސް ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވެގެން ނުވާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ސްޕެއިންގެ ކުޅިވަރު ވަޒީރު ޕިލާ އަލެގްރިއާވެސް ވަނީ އިސްރާއީލް ކުޅިވަރު މުބާރާތްތަކުން ވަކިކުރުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ދެ މިންގަނޑެއް ގެންގުޅޭ ކަމަށް ފާހަގަކުރައްވާފައިވެއެވެ.
މި ބަޔާންތަކާ ގުޅިގެން އިސްރާއީލްގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު ވަނީ ސްޕެއިންގެ ބޮޑުވަޒީރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. އަދި އެމަނިކުފާނަކީ ޔަހޫދީންނާ ދެކޮޅު އަދި ދޮގުވެރިއެއް ކަމަށް ތުހުމަތުކުރައްވާފައިވެއެވެ.
އަދި މީގެ އިތުރުން، ސްޕެއިން ސަރުކާރުން ވަނީ އިސްރާއީލްގެ ހަތިޔާރު އުފައްދާ ކުންފުންޏެއް ކަމަށްވާ އެލްބިޓް ސިސްޓަމްސްއާއެކު ވެފައިވާ 700 މިލިއަން ޔޫރޯގެ އެއްބަސްވުމެއް ބާޠިލުކޮށްފައެވެ. މި އެއްބަސްވުމަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެފައިވާ، ރޮކެޓް ލޯންޗަރު ސިސްޓަމްތަކެއް ގަތުމުގެ އެއްބަސްވުމެކެވެ.